ޤާނޫނުތައް ތަންފީޒުކޮށް، ކަންކަން ޙައްލުކުރަން އަޅާ ފިޔަވަޅަކީ މީހާގެ ޙައްގު ނިގުޅައިގަތުންކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު މިހެން ވިދާޅުވީ "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރަން ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ފުވައްމުލައް ސިޓީގެ މޭޔަރާ ކަމާގުޅުން ހުރި ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚީލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމަޢުގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ބަދަލުކޮށްގެންކަމަށެވެ. އެގޮތުން ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޤާނޫނުތައް ތަންފީޒު ނުކޮށް ދޫކޮށްލާފައި އޮތްއިރު އެކަމުން ފައިދާތަކެއް ލިބުނު މީހުން އުޅޭކަމަށާއި ނަމަވެސް ޤާނޫނުތައް ތަންފީޒުކުރަން ފެށުމުން އެ ފަދަ މީހުންނަށް އުނދަގޫވެގެން އުޅޭކަމަށެވެ.
ވަޒީރު ވިދާޅުވީ ޤާނޫނު ތަންފީޒުކޮށް، ކަންކަން ޙައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއް ޙައްގު ނިގުޅައިގަތުންކަމަށް ދެކޭ ވިސްނުން ބަދަލުވާންޖެހޭކަމަށެވެ. އަދި މިފަދަ މީހުންގެ ޙައްގު ހޯދައިދޭންކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކުން، މުޖުތަމަޢުގެ ކަންކަން ގޯހުން ގޯހަށްދާތަން ފެނިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އުސޫލުގެ ދަށުން ފުލުހުން ފިޔަވަޅު އެޅީމަ އެއީ ޙައްގު ނިގުޅައިގަނެވުނީކަމަށް ދެކޭ މީހުން އެބަތިބި. ޤާނޫނު ނަގަހައްޓާނަމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަންނާނެ. ނަމަވެސް މީހަކު ޤާނޫނާ ޤަވައިދާ ޚިލާފައި ވީމަ ފިޔަވަޅު އަޅަނީ. އުސޫލުން ފިޔަވަޅު ނޭޅި އިސްލާހެއްވެސް ނުވާނެ." ދާޚީލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ ރަށުގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައެއް މުހިންމު ފިޔަވަޅުތައް ރަށުގައި އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރަށުގައި ބޭނުންކުރެވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅާ ލިމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި ރަށުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް، ވެހިކަލް ޕާކުކުރުމުގައި މިހާރަށްވުރެ ރޭވުންތެރިކޮށް އެކަން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މަގުތައް ތޮއްޖެހި، މާލެއިން މިއަދު ފެންނަ މަންޒަރު ފުވައްމުލައް ސިޓީން ފެންނަން ބޭނުން ނުވާކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމެއް ނޫން ދާއިމީކޮށް ވެހިކަލްތައް ބާއްވާ ތާކަށް މަގުތައް ވާކަށް. ކޮންމެ ވެހިކަލެއްވެސް ޕާކު ކުރެވޭނެ ވަކި ތަނެއް، އުސޫލުގެތެރެއިން އޮންނަންވާނެ. ކައުންސިލުން މިކަމާ ގުޅޭ އުސޫލުތައް ހަދާނަން. އޮފީސްތަކާ ސްކޫލްތައް ކައިރީވެސް ޚާއްސަ ޕާކިން އޭރިއާ ހުންނަންވާނެ." ފުވައްމުލައްސިޓީގެ މޭޔަރ އިސްމާއީލް ރަފީޤް ވިދާޅުވިއެވެ.
"ރައްކާ" ރޯޑް ސޭފްޓީ ކެމްޕެއިންއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނި ފިލާ ހަވާލުކޮށްފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ.
"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ގުޅިގެން 2014 ވަނަ އަހަރު ފެށި ޕްރޮގްރާމްއެކެވެ. "ރައްކާ"ގެ ދަށުން 300އަށްވުރެ ގިނަ ޕްރޮގްރާމް ހިންގާފައިވާއިރު 38000އަށް ގިނަ މީހުންނަށް މި ޕްރޮގްރާމްތަކުގައި މަޢުލޫމާތުދީފައިވެއެވެ.
ރައްކާ ޕްރޮގްރާމްގެ ތެރެއިން މަގުމަތީގެ ސަލާމަތާ ގުޅޭ ޤާނޫނާ ޤަވާއިދުތަކަށް މުޖުތަމައު ހޭދުންތެރިކުރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމް، އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ޑްރައިވަރުންނަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.