ޚަބަރު

ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ބޮޑުހަރަކާތެއް ފަށައިފި


  • ހަރަކާތް ސިލްސިލާކޮށް ކުރިއަށްދާނެ

  • އަމާޒަކީ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުން

ރާއްޖޭގެ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފިއެވެ. މިއަދު މި ހަރަކާތް ފަށާފައިވަނީ މާލެއާއި، ވިލިމާލޭގައެވެ.

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވީ މި ހަރަކާތަކީ ޕީއެންސީއަށް ވަންނަން ބޭނުންވެފައި ތިބެ، ނުވަދެވި ތިބި މީހުން ވެއްދުމަށާއި ޕާޓީއަށް މީހުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ ސިލްސިލާކޮށްކަމަށް ވިދާޅުވިއެވެ.

ޒިނާޒް އިތުރަށް ވިދާޅުވީ ޕާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް ފޯމުތައް ފުރައިދިނުމުގެ މަސައްކަތް ދުރުން ދޮރަށް ހިނގައިގެން، ކުރިއަށްގެންދާނެ ކަމަށެވެ.

އަތޮޅުތަކުގައި ވެސް މި ހަރަކާތް ބާރަށް ކުރިއަށްދާކަމަށް ޒީނާޒް ވިދާޅުވިއެވެ. އެ ޕާޓީގެ އަމާޒަކީ ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަށް ޕާޓީހެދުން ކަމަށްވެސް ޒީނާޒް ވިދަޅުވިއެވެ. އަދި އެ އަމަޒާށް ވާސިލްވަންދެން ޕާޓީގެ ހަރަކާތް ކުރިއަށްދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ. އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީއެވެ. އެ ޕާޓީގައި 50،980 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތީ ޕީޕީއެމްއެވެ. އެ ޕާޓީގައި ރެޖިސްޓްރީވެފައި، 34،827 މެންބަރުން އެބަތިއްބެވެ. ޕީއެންސީ އޮތީ ތިންވަނައިގައިއެވެ. އެ ޕާޓީގައި ތިބީ 28،704 މެންބަރުންނެވެ.