ވިޔަފާރި

އެމްއެމްޕީއާރުސީ އިން އިންޑިއާގައި ރޯޑް ޝޯއެއް ބާއްވައިފި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އިން އިންޑިއާގައި ރޯޑް ޝޯއެއް ބާއްވައިފިއެވެ.

ރޯޑް ޝޯ ބާއްވާފައިވަނީ އިންޑިއާގެ ލަކްނައު، ޗަންދިގަޅު،ޕޫނޭ އަދި ހައިދަރުއާބާދުގައެވެ. މިމަހުގެ 16 އިން 20 އަށް ކުރިއަށްދިޔަ މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 5 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެ 5 ފަރާތަކީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ، ޓްރެވެލަރސް ސްޓްރީޓް ޕްރައިވެޓް ލިމިޑެޓް، ސަން ސިޔާމް ރިސޯޓްސް، އަދާރަން ރިސޯޓްސް އަދި ދުސިޓް ތާނީ މޯލްޑިވްސް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މި ފަދަ ރޯޑް ޝޯ ތަކުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ރިސޯޓާ ހޮޓާ ހިންގާ ފަރާތްތަކާއި ސީދާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ.

އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުވެސް އިންޑިއާގައި ރޯޑް ޝޯއެއް ބާއްވާފައެވެ. މިދިޔަ އަހަރުގެ ރޯޑް ޝޯ ބާއްވާފައިވަނީ އިންޑިއާގެ ބެންގަލޯ، މުމްބާއީ، ކޮލްކަތާ އަދި ނިއު ދިއްލީގައެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 4.1 އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނު އިރު އިންޑިއާ އިން ރާއްޖެއަށް 14171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާ ބަލާއިރު 20 އިންސައްތަ އިތުރު އަދަދެކެވެ.