ޚަބަރު

ސޮސިއެޑާޑްގެ ޒުބިމެންޑީ ހޯދުމުގެ މަސައްކަތް ލިވަޕޫލުން ފަށައިފި


ރެއާލް ސޮސިއެޑާޑަށް ކުޅެމުންއަންނަ ސްޕެއިނުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީގެ ސޮއި ހޯދުމުގެ މަސައްކަތް ލިވަޕޫލުން ފަށާފައިވާ ކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

ޒުބިމެންޑީ، 25، ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގައި ސޮސިއެޑާޑްގައި މޮޅު ކުޅުމެއްދައްކައި އެ ޓީމަށް ހަވަނަ މަގާމް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައި ވެސް ޒުބިމެންޑީ ވަނީ ހިމެނިފައެވެ. އެގޮތުން، އިންގްލެންޑް އަތުން 1-2 އިން ސްޕެއިން މޮޅުވި ފައިނަލް މެޗުގެ ފަހު ހާފުގައި ރޮޑްރީގެ ބަދަލުގައި ކުޅެން ނިކުމެ، ޒުބިމެންޑީ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

2011 ވަނަ އަހަރުން ފެށިގެން ސޮސިއެޑާޑަށް ކުޅެމުން އަންނަ ޒުބިމެންޑީގެ ކޮންޓްރެކްޓް އުވާލުމަށް ބޭނުންވާ ރިލީޒް ކްލޯޒް އަކީ 60 މިލިއަން ޔޫރޯ (51.5 މިލިއަން ޕައުންޑް) އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 188 މެޗު ކުޅެދީ، 8 ލަނޑުޖަހައިފައެވެ. އަދި ސްޕެއިނުގެ ގައުމީ ޓީމަށް މިހާތަނަށް ވަނީ 10 މެޗު ހަމަކޮށްފައެވެ.

އައު ސީޒަނަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކުން ޓީމުތައް ވަރުގަދަކުރުމުގެ ގޮތުން ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް އައު ކުޅުންތެރިއަކު ނުގެންނަ ހަމައެކަނި ކްލަބަކީ ލިވަޕޫލެވެ. މިކަމާ ގުޅޭގޮތުން، އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ވަނީ، އެ ޓީމަށް ބޭނުންވާ ކުޅުންތެރިއަކު ގަންނަން ފަސްނުޖެހޭނެ ކަމަށް ބުނެފައެވެ.

ލިވަޕޫލުން ޒުބިމެންޑީ ގަތުމުގައި ކުރިހޯދިއްޖެނަމަ އޭނާ ވެގެންދާނީ އައު ކޯޗު، ސްލޮޓްގެ ކޯޗުކަމުގައި ގެނެވޭ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ކުރީން ލިވަޕޫލަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު، ޒާބީ އަލޮންސޯ އަށް އޮތް ލޯތްބާއި ކުރާ އިހުތިރާމާ ގުޅޭގޮތުން ޒުބިމެންޑީ މީގެކުރީން ވަނީ ވާހަކަދައްކާފައެވެ. އަލޮންސޯ ވެސް އޭނާގެ ކުޅުމުގެ ކެރިއަރުގައި ސޮސިއެޑާޑަށް ކުޅުމަށްފަހު، 2004 ވަނަ އަހަރު ވަނީ ލިވަޕޫލަށް ބަދަލުވެފައެވެ. ބަޔާ ލެވަކޫސަންގެ ކޯޗުގެ މަގާމާ ހަވާލުމުގެކުރީން އަލޮންސޯ ހުރީ ސޮސިއެޑާޑްގެ ބީ ޓީމުގެ ހެޑްކޯޗުގެ ގޮތުގައެވެ.