ޚަބަރު

ހޯރަފުށީ ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި


ރާއްޖޭގެ އެންމެ އުތުރު ސަރަޙައްދުގައި އޮންނަ ހއ. ހޯރަފުށްޓަކީ ތިންހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި ސަރުކާރުން ޤާއިމްކޮށްދެއްވި ނަރުދަމާގެ ނިޒާމަކީ، 77 މިލިޔަން ރުފިޔާ ހޭދަކުރައްވައިގެން، ރަނގަޅު ފެންވަރުގައި ހިންގެވި މަޝްރޫޢެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުނުއިރު، ސާދަ ޕޮއިންޓް ނުވައެއް ހަތަރެއް ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގަޔެއް ޤާއިމްކުރައްވާފައިވެއެވެ. މި ވިއުގައިގައި 4 ޕަމްޕު ސްޓޭޝަން ހިމެނެއެވެ. އަދި ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 256 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅި އަޅުއްވާފައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ނިޒާމްގެ ވިއުގަ 670 އަށްވުރެ ގިނަ ގެއާއި ވަނީ ގުޅާލެވިފައެވެ. 

ހޯރަފުށީ ޤާއިމްކުރެއްވި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވީ، މުޅި ރާއްޖެ ތަރައްޤީކުރެއްވުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑްގައި ކުރައްވަމުން ގެންދަވާކަމަށެވެ. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ބަލާލިޔަސް އެމަންޒަރު ފެނިވަޑައިގަންނަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން ހޯރަފުށީގައި ކުރައްވަން ނިންމަވާފައިވާ ކަންތަކަށް އަލިއަޅުއްވައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހޯރަފުއްޓަށް ސާފު ބޯފެން ފޯރުކޮށްދެއްވުމަށް ހޯރަފުށީގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މިސަރުކާރުން މިހާތަނަށް ދިހަ ރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމާފައިވާކަމަށެވެ.

ހޯރަފުށީގައި ޤާއިމްކުރައްވައި މިއަދު ރަސްމީގޮތުން ޚިދުމަތްދެއްވަން ފެއްޓެވި މި މަޝްރޫޢުގެ ޚިދުމަތް ހޯރަފުށީގެ ހުރިހާ ގެއަކަށް ފޯރުކޮށްދެއްވަމުން ގެންދަވާނެއެވެ. މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ. އެމްޑަބްލިއުއެސްސީއިން މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައެވެ.