ޚަބަރު

ފެހި ޤާނޫނުއަސާސީއަށް 16 އަހަރު، ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހިފައި!


  • ފެހި ޤާނޫނުއަސާސީ ތަސްދީގުކުރެއްވީ 7 އޯގަސްޓް 2008ގައި

  • މިޤާނޫނުއަސާސީއާއެކު ގިނަ ޙައްގުތަކެއް ރައްޔިތުންނަށް ލިބިގެންދިޔަ

  • ޤާނޫނުއަސާސީއަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވާ

މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއެކު އެތައް ޙައްގުތަކެއް ކަށަވަރުވެ، ބާރުތައް ވަކިވެ މަލްޓި ޕާޓީ ނުވަތަ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީގެ ނިޒާމެއް ތައާރަފުވެގެންދިޔައެވެ. މިމިއީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މަޢުމޫން އަބްދުލްޤައްޔޫމް 2004ވަނަ އަހަރު އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. ޤާނޫނު އަސާސީ ތަސްދީގު ކުރެއްވިތާ މިއަދަށް މިވަނީ 16 އަހަރު ފުރިފައެވެ.

ފެހި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ 2004ވަނަ އަހަރުއެވެ. މިމަސައްކަތް ކުރެއްވީ ރައްޔިތުންގެ ޙާއްސަ މަޖިލީހުންނެވެ. ހަތަރު އަހަރު ދުވަހުގެ މަސައްކަތަށްފަހު މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާ ފެހި ޤާނޫނު އަސާސީ ތަސްދީގު ކުރެވުނީ 7 އޯގަސްޓް 2008ގައެވެ.

ފެހި ޤާނޫނުއަސާސީގެ ކުރިން ހުރިހާ ބާރުތަކެއް އޮންނަނީ އެއިރެއްގައި ވެރިކަން ކުރައްވާ ބޭފުޅަކަށެވެ. ރައްޔިތުންނަށް އަމިއްލަ ޙައްގުތަކާ ގުޅޭގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮތީ ހަނިވެފައެވެ. ނަމަވެސް ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުމާއެކު ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާ ޙައްގުތައް ކަށަވަރުވެގެންދިޔައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބި، ކުރިން ރައްޔިތުންނަށް ނުލިބޭ އެތައް ޙައްގުތަކެއް ލިބިގެންދިޔައެވެ.

ރާއްޖޭގެ ތާރީހުގައި އެއް ޤާނޫނު އަސާސީއަކަށް އެހާ ދިގު މުއްދަތަކަށް އަމަލުކުރެވިފައިނުވެއެވެ. ނަމަވެސް ފެހި ޤާނޫނުއަސާސީއަށް އަމަލުކުރެވެމުންދާތާ 16 އަހަރުފުރިފައިވާއިރު ޤާނޫނު އަސާސީ ނުއުވި އޮތުމަކީ މިއަދު ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީއަކީ ޤައުމެއް ކުރިއަރައިގެންދާއިރު އެއިރަކާ އެއްގޮތަށް ކުރިއަރައިގެންދާންޖެހޭ އެއްޗެއް ކަމަށާއި މިހާރު ރާއްޖޭގެ މަޝްރަހަށް ބަލާއިރު ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ހުރިކަން ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އަލީ ޝަމީމް ވިދާޅުވިގޮތުގައި ޤާނޫނުއަސާސީގައި ދައުލަތް ހިންގުމުގެ ތިންބާރު ވަކިވެފައި އޮތް ނަމަވެސް އަދިވެސް އެއަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި ކަމަށެވެ. އެގޮތުން، ޝަރުޢީ ދާއިރާއަކީ ވަކިވެފައި އޮތް ބާރެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތްނަމަވެސް އަދިވެސް ސަރުކާރުގެ ނުފޫޒު އެ ދާއިރާއަށް އޮންނަކަމުގެ ކަންބޮޑުވުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ޝަރުޢީ ދާއިރާގައި އުޅުއްވާ ގިނަ ބޭފުޅުންތަކެއްވެސް ޝަކުވާއެކެވެ. އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކުރެއެވެ. އެހެންކަމުން ފުރިހަމަ މިނިވަންކަމާއެކު އެ ދާއިރާ ކުރިއަށްގެންދެވޭނެ ގޮތްތައް ބަލައި، ޤާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭކަން ޑރ. އަލީ ޝަމީމް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރުމުގައިވެސް ޒަމާނާ އެއްގޮތަ ބަދަލުތަކެއް ޤާނޫނުއަސާސީއަށް ގެންނަންޖެހޭކަން ޑރ. ޝަމީމް ފާހަގަކުރައްވައެވެ. އެގޮތުން، މިހާރު ރިޔާސީ އިންތިޚާބުތަކުގައި ރައީސާއި ނައިބު ރައީސްގެ ނަންފުޅު އެކަނި އޮންނަ ގޮތް ބަދަލުކޮށް، ވަޒީރުންގެ މަޖިލީހާއި ވުޒާރާތައް ހާމަކުރަންޖެހޭގޮތް ހަދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ކެންޑިޑޭޓަކު ޚިޔާރުކުރުމަށް އެހީލިބިގެންދާނެ ކަމަށާއި ރައްޔިތުން ބޭނުންވާފަދަ ސަރުކާރެއް ޙަގީގީ މާނައިގައި އެކުލެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކަށްވެސް ބަދަލު ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމްހޫރީ ނިޒާމަށް އައި ބޮޑުބަދަލާއެކު އުފަންވި ފެހި ޤާނޫނު އަސާސީގެ ދަށުން ޑިމޮކްރަޓިކް އުސޫލުން ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބްގައިވާދަކުރުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ. މިނިޒާމަކީ ރާއްޖެއަށް މުޅިންއާ ނިޒާމަކަށްވީއިރު، ޤާނޫނު އަސާސީން އުފެދުނު އެތައް މުވައްސަސާތަކާއި، ދޫކޮށްލެވުނު ބާރުތަކުގެ ސަަބަބުން ރައްޔިތުންވަނީ މުޅިން އައު ތަޖުރިބާތަކެއްކޮށްފައެވެ.


އުފާވެރި ތަޖުރިބާތަކާއި، ހިތި ތަޖުރިބާތަކެއް ނުކުރާ ސިޔާސީ ލީޑަރެއް ސިޔާސީ ޕާޓީއެއް މިޤައުމުގައި މިހާރަކު ނެތެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުވި ރައީސަކަށްވެ ވަޑައިގެންނެވީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އޭރު އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ވަރުގަދަ ކޯލިޝަނަކާއެކު ކުރި މަސައްކަތުންނެވެ. ނަމަވެސް ރައީސް މައުމޫންގެ ވެރިކަން ނިންމުމަކަށް ގެނެސް ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ބައިއަތުހިފި ކޯލިޝަނަށް އެގޮތުގައި މާގިނަ ދުވަހަކު ދެމި އޮވެވޭގޮތެއްނުވިއެވެ. އެންމެ 21 ދުވަހުގެ ތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. އަދި ކޯލިޝަންގައި ތިބި ޕާޓީތަކުން ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކާއެކު ނުކުތެވެ.


މިއާއެކު ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވިއެވެ. އަދި ދައުރުގެ ބާކީބައިގައި ގިނަ ފާޑުކިއުންތަކާއި ގޮންޖެހުންތަކާއެކު ވެރިކަން ކުރެއްވީ ރައީސް ނަޝީދުގެ ނާއިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ޑރ.ވަހީދު ވެރިކަން ކުރެއްވިއެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުންވެސް ފެނިގެން ގޮސްފައިވަނީ ބޮޑު ކޯލިޝަނަކާއިއެކު ރައީސް ޔާމީން ވެރިކަމަށް ގެނައި މަންޒަރެވެ. ނަމަވެސް އެމަނިކުފާނަށްވެސް މާގިނަ ދުވަހަކު ކޯލިޝަނާއިގެން ކުރިއަށްދެވޭ ވަރެއް ނުވިއެވެ. އެ ކޯލިޝަންވެސް ރޫޅުނީއެވެ.

ރައީސް ޔާމީން ވެވަޑައިގެންފައިވަނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ނާއިބް ރައީސުން ބަދަލުކުރެއްވި ރައީސްގެ ގޮތުގައިވެސްމެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު 3 ނައިބު ރައީސުން އައްޔަންކުރެއްވިއެވެ.

ރައީސް ޔާމީންގެ ދައުރު ނިމެން ކައިރިވެ 2018ގެ ރިޔާސީ އިންތިޚާބު ބޯމަތިވިއިރު އަނެއްކާވެސް ފެނިގެންދިޔައީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅި ވަރުގަދަ ކޯލިޝަނެއް އުދެފުނުތަކެވެ. އެކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކަށް ނުކުންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ރައިސް ޞާލިޙްގެ ފަސް އަހަރު ވެގެންދިޔައީ ފަސް އަހަރު ފުރިހަމަކުރެއްވި ފުރަތަމަ ނައިބު ރައީސް ހުންނެވި ދައުރުގެ ގޮތުގައެވެ.

ރައީސް ޞާލިޙްގެ ދައުރަށްފަހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަކަށް ފުރިހަމަ ޙައްލެއް ގެނެސްދެއްވާނެކަމުގެ ވަޢުދާއެކުއެވެ. މިއާއެކު ދައުރުގެ އެންމެ ކުރީކޮޅު ވަނީ އެފަދަ މައްސަލަތަކަށް ހައްލު ގެނެސްދެއްވުމުގެ މަސައްކަތް ފަށްޓަވާފައެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާފަދަ އިޖްތިމާޢި ބޮޑެތި މައްސަލަތަކަށް ޙައްލު ގެނައުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.


ރާއްޖޭގެ ހަވަނަ ޤާނޫނުއަސާސީ ވުޖޫދުވެގެން އައިއިރު މި ޤާނޫނަކީ 14 ބާބެއްގެ މައްޗަށް އެކުލެވޭ 301 މާއްދަ ހިމެނޭ ޤާނޫނުއަސާސީއެކެވެ. ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި ޑިމޮކްރަސީގެ ނަމޫނާ ކަންކަން ހިމެނޭ ޤާނޫނުއަސާސީއެއްގެ ކާމީޔާބީއަކީ މެދުއިރުމަތީގައި ޑިމޮކްރަސީ ނެތް ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް އެކުލަވައިލުމަށް ލިބިގެންދާނެ ބާރެއް ކަމަށް ދުނިޔޭގެ އެކި ތަޖުރިބާކާރުންނާ ހަވާލާދީ ޑރ. ޝަމީމް ވިދާޅުވެއެވެ