ކާރިސީ ހިރާސްތައް ކުޑަކޮށް، ސުނާމީފަދަ ހާލަތުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ފަސޭހައިން އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމުރުމަށް، 5 އަހަރުގެ ޚާއްސަ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ސުނާމީ ފަދަ ކާރިސާގެ ހާލަތަށް ތައްޔާރުވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް، ކަމާއި ގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތައް ގުޅިގެން ރާއްޖޭގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް މިވަނީ ފަށާފައެވެ. "މޯލްޑިވްސް ސުނާމީ ރެޑީ ޓްރެއިނިން އެންޑް ޕްރިސަރވިން 2004 އިންޑިއަން އޯޝަން ސުނާމީ ސްޓޯރީސް"ގެ ނަމުގައި ބާއްބާ މިތަމްރީން ޕްރޮގްރާމް 4 ދުވަހަށް ކުރިއަށް ދާނެއެވެ.
މިޕްރޮގްރާމް ކުރިއަށްގެންދަނީ ޔުނެސްކޯ އިންޑިއަން އޯޝަން ސުނާމީ އިންފޮމޭޝަން ސެންޓަރ، އިންޑޮނޭޝިއަން މީޓިއޮރޮލޮޖީ ސެންޓަރ އަދި ޔުނެސްކޯގެ އިންޑިއަން އޯޝަން ސުނާމީ ވަރނިން އެންޑް މިޓިގޭޝަން ސިސްޓަމްގެ ކޯޑިނޭޝަން ގްރޫޕްގެ އެހީތެރިކަމާއެކުއެވެ.
މިތަމްރީންގައި ރާއްޖެއިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ނެޝަނަލް ސުނާމީ ވަރނިން ސެންޓަރ، ލޯކަލް ޑިޒާސްޓަރ މެނޭޖްމަންޓް އޯގަނައިޒޭޝަން އަދި އެންޖީއޯތަކާއި ޔުނިވަރސިޓީ އަދި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ބައިވެރިވެއެވެ.
ހުކުރު ދުވަހާ ހަމައަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ގިނަ ދާއިރާތަކަކުން މަޢުލޫމާތުދީ ބައިވެރިންނަށް ތަމްރީން ދޭނެއެވެ. އެގޮތުން މިފަދަ ކަމަށް މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމާއި، ހާލަތެއް މެދުވެރިވެއްޖެނަމަ އެންމެ ބޮޑު އަސަރެއް ކުރާނެ ފަރާތްތައް ގެނެގަތުން ހިމެނެއެވެ. އަދި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރާނެ ގޮތްތަކާއި، މިފަދަ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދޭނެ ރަނގަޅު ނިޒާމުތަކާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން މޫސުމީ ގޮތުން ބޭނުންވާ މަޢުލޫމާތުވެސް ކަމާއި ގުޅުންހުރި ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.
މިތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވީ ކާރިސާތަކުން ރައްކާތެރިވެ ތިބުމާއި ވިލުންތެރިކަން އިތުރުކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ޚާއްސަ ގޮތެއްގައި ކާރިސާތަކުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި މުއައްސަސާތަކުގެ ޒިންމާތައް ކަނޑައެޅުން އަދި ކާރިސާގެ ވަގުތަށް ތައްޔާރުވެ ތިބި މުޖުތަމަޢެއް ބިނާކުރުމަށް އެކި ޕްރޮގްރާމްތައް ވޭތުވެދިޔަ އަހަރުތަކުގައި ހިންގާފައިވާކަމަށެވެ.
ނަމަވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައި އޮތް އޮތުންކަމަށް ހިސާން ފާހަގަކުރެއްވިއެވެ. ނަމަވެސް މިހިރާސްތައް ކުޑަކުރުމަށް 5 އަހަރުގެ ޚާއްސަ ސްޓްރެޓީޖިކް ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރު ފަށާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.
"މިހާރު ވަރަށް ބޮޑަށް ސެންޓްރަލް ނިޒާމަކަށް ރާއްޖެ މިއޮތީ. އެއީ ބޮޑު ގޮންޖެހުމެއް. އޭގެ ހިރާސްތައް ކުޑަކުރަމަށް ޚިދުމަތްތައް މުޅި ރާއްޖެއަށް ލިބޭގޮތަށް ފުޅާކުރުން ރައީސްގެ ވިސްނުންފުޅަކީ. 2024-2029 ހަދާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި މި ދާއިރާއިން ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ." އެންޑީއެމްއޭގެ ސީއީއޯ ހިސާން ހުސައިން ވިދާޅުވިއެވެ.
ރާއްޖޭގައި ސުނާމީ ކާރިސާ ތަޖުރިބާކުރެވުނު ގޮތުގެ ވާހަކަތައް ޑޮކިއުމަންޓް ކުރުންވެސް މި ޕްރޮގްރާމްގެތެރެއިން ކުރިއަށްގެންދާނެއެވެ. އެގޮތުން ސުނާމީ ކާރިސާ ތަޖުރިބާކުރި މީހުންގެ ވާހަކަތަކާއި އެކަމުން އަރައިގަތުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކަތަކާއި ސުނާމީއާއި ގުޅޭ ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ރައްކާތެރިކޮށް ޑޮކިއުމަންޓްކުރާނެއެވެ.
މިއީ ސުނާމީގެ ހަނދާންތައް އައުކޮށް، އެފަދަ ކާރިސާތަކުން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ބުނެދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.