ޚަބަރު

ސެންޓްރަލް ޕާކުގެ ފުރަތަމަ ފިޔަވަހި ނިމި ރަސްމީކޮށް ހުޅުވައިފި


ހުޅުމާލެ ސެންޓަރަލް ޕާރކްގެ ފުރަތަމަ ސެކްޓަރ، ލެޝަރ ޒޯން ރަސްމީކޮށް ހުޅުވައިފިއެވެ.

މިތަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ދެކަނބަލުންނެވެ.

img:http://s2.psmnews.mv/images/660x400/14639331379072.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ޕާރކް ހުޅުއްވައި ދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުންވަނީ ޕާރކް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ކުރައްވާއިރު އެންމެ ބޮޑު އަމާޒަކީ، ވީހާވެސް ހުސްތަންތަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަޖެހޭ މާހައުލެއް ޤާއިމް ކޮށްދެއްވުންކަމަށެވެ. އަދި ހުޅުމާލޭގެ ސެންޓަރަލް ޕާކް ވެގެންދާނީ ރާއްޖޭގައިވެސް މިފަދަ ކޮންސެޕްތަކަށް ތަރައްޤީ ކުރެވޭ އެންމެ ފުރިހަމަ ޕާރކަށް ކަމަށް ސައިމަން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14639332245807.jpg|ހުޅުމާލޭ ސެންޓްރަލް ޕާކް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކް ބައްލަވާލައްވަނީ- ފޮޓޯ: ޕީއެސްއެމް

ޒަމާނީ ސިޓީއެއްގައި ހުރުން ލާޒިމް އެއްސިފަޔަކީ، މިރޭ ހުޅުވިގެންދިޔަ ސެންޓްރަލް ޕާރކްފަދަ ތަންތަންކަން، މި ރަސްމިއްޔާތުގައި ހައުސިންގ މިނސްޓަރ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް، ދެވަނަ ފިޔަވަހި ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޔޫތް ސިޓީގެ ފުރިހަމަ ތަސައްވަރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެނިގެންދާނެކަމަށެވެ. ހުޅުމާލެ ސެންޓަރަލް ޕާރކް ތަރައްގީ ކުރައްވަނީ ހަތަރު ސެކްޓަރ އަކަށް ބަހާލައިގެންނެވެ.

ހުޅުމާލެ ސެންޓަރަލް ޕާރކްގެ ލެޝަރ ޒޯން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަން އައިޑޮލްގެ ބައެއް ބައިވެރިންގެ  ހުށައެޅުންތައްވެސް ހުށައަޅާދީފައިވެއެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 12 ވަނަ އަހަރު ގުނަމުންދާއިރު މިހާރު ހުޅުމާލޭގެ އާބާދީ އުޅެނީ ތިރީސް ހާހުން މަތީގައެވެ.