ތިމާވެށި

އުތުރުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއު ރޯދަޔަށްފަހު ފަށަނީ


ރައްކާތެރިގޮތުގައި ކުނިނައްތާލެއްވުމަށް އުތުރު ސަރަޙައްދުގައި ހިންގަވާ ބިޔަ މަޝްރޫޢު ރަމަޟާން މަހަށްފަހު ރަސްމީގޮތުން ފެށޭނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ އުތުރު ސަރަޙައްދަކީ 65000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. މި 4 އަތޮޅުގައި މީހުން ދިރިއުޅޭ 44 ރަށް އޮންނައިރު، 22 ރިޒޯޓް ހިންގައެވެ. މި ހަތަރު އަތޮޅަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 62 ޓަނުގެ ކުނި އުފައްދާކަމަށް އެންވަޔަރމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އުތުރު ސަރަޙައްދުގެ ކުނި ނައްތާލުމުގެ ނިޒާމަކީ، ވޯލްޑް ބޭންކުގެ ލޯން އެހީއާއި، ވޯލްޑް ބޭންކުގެ ހިލޭ އެހީ އަދި ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެކެވެ. ކުނި ނައްތާލާ މައި މަރުކަޒެއްގެ ގޮތުގައި ރ. ވަންދޫ ތަރައްޤީކުރައްވާފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ކުނިގޮނޑުތައް އަޕްގްރޭޑްކޮށް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން ފެއްޓެވުމަށް މިހާރު ގެންދަވަނީ ތައްޔާރުވެޑައިގަންނަވަމުންނެވެ.

ވަންދޫގައި 2.5 މިލިއަން ޑޮލަރުގު އަގުހުރި ކުނި ނައްތާލާ މެޝިނެއް ނުވަތަ އިންސިނެރޭޓަރެއް ބަހައްޓާފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް 40 ޓަނުގެ ކުނި ނައްތާލުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. އަދި ރަށްތަކުން ކުނި އުފުލުމަށް ބޮޑު ބާޖެއް ބަނދެފައިވާއިރު، ކުނި އުފުލުމަށް ބޭނުންކުރުމަށް ކުޑަ ދެ ބާޖު ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ކޯޑިނޭޓަރ މުޙައްމަދު ނިޒާމު ވިދާޅުވީ، ބައެއް ރަށްރަށުން ކުނި ގެނެސް، އިންސިނެރޭޓަރ ޓެސްޓްކުރުމުގެ މަރުޙަލާ މިހާރު ނިމިފައިވާ ކަމަށެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ކުރަންޖެހޭ މަސައްކަތްތައް ނިންމުމަމަށްފަހު، ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ މަސައްކަތް ޙަވާލުކުރެވި، ރަމަޟާން މަސް ނިމުމުން، ރަސްމީގޮތުން މަޝްރޫޢު ފެށިގެންދާނެކަމަށް އޭނާ ފަހަގަކުރެއްވިއެވެ.

ވަންދޫގައި ޤާއިމްކުރައްވާފައިވާ ކުނި ނައްތާލާ މަރުކަޒަށް ގެނެވޭނީ، ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނި އެކަންޏެވެ. ކުނި ނެގުމަށްޓަކައި ދެހަފްތާއިން އެއްދުވަހު ކޮންމެ ރަށަކަށްވެސް، ބާޖު ގޮސް، ކުނި ނަގަމުންދާނެ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރަށު ކައުންސިލްތައް މެދުވެރިކޮށް ކުނި އުފައްދާ މިންވަރެއްގެ މައްޗަށް ބެލުމަށްފަހު ފީތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިޒޯޓްތަކުންވެސް ކުނީގެ ބާވަތާއި، ކުނީގެ މިންވަރަށް ބެލުމަށްފަހު ފީތަކެއް ޗާޖްކުރާނެއެވެ.