މަސައްކަތްތެރިކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުމަށް އުފެއްދި "ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑް"ގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މިބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބޯޑުގެ މެންބަރުން ތަޢާރަފް ވެވަޑައިގެން، އިންޑަސްޓްރިއަލް ރިލޭޝަނާ ގުޅޭ ޤާނޫނުގެ ޚުލާސާ ވަނީ ހުށައަޅާފައެވެ. އަދި ބޯޑުގެ ހިންގާ ގަވާއިދަށް މަޝްވަރާކުރުމާއި، ޔޫނިއަން ރަޖިސްޓަރީކޮށް ހިންގުމާއި ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރުން ބޯޑުގެ މެންބަރުން ހުށައެޅުއްވި އެހެނިހެން ކަންކަމާއި މެދު މަޝްވަރާ ކުރުންވެސް މި ބައްދަލުވުމުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މި ބޯޑަކީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނުގެ 88ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބޯޑެކެވެ.
ބޯޑުން ކުރިއަށްގެންދާނެ މުހިންމު މަސައްކަތްތަކުގެތެރޭގައި މަސައްކަތްތެރިކަމާ ގުޅޭ ޤާނުތަކާއި އުސޫލުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލަފާދިނުން ހިމެނެއެވެ.
މަސައްކަތްތެރިކަމާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މި ޤާނޫނުގެ ދަށުން ޢައްޔަންކުރެއްވެވި ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތާއި، މަސައްކަތްތެރިންގެ ޔޫނިއަންތަކުން ކަނޑައަޅުއްވާ މަންދޫބުންނެވެ. މިގޮތުން މި ތިން ފަރާތުގެ މަޞްލަޙަތުތައް ހިމާޔަތްކުރެވޭ ގޮތަށް މަސައްކަތްތެރިކަމާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވާލުމުގައި މަޝްވަރާކުރައްވާ ލަފާ ދެއްވާނެއެވެ.
"ޓްރައިޕާޓައިޓް ލޭބަރ އެޑްވައިޒަރީ ބޯޑު"ގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މިބޯޑު ބަލަހައްޓަވާނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންނެވެ.