މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެނުންގެ ފުޓްބޯޅައިގައި ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކަށްފަހު ސްޕެއިން، ޖާމަނީ، އެމެރިކާ އަދި ބްރެޒިލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސްޕެއިނުން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 އިން ކޮލަމްބިއާ ބަލިކޮށްފައެވެ. ޕެނަލްޓީގައި ކެނެޑާ އަތުން ޖާމަނީ މޮޅުވީ ވެސް ހަމަ 2-4 އިންނެވެ. ޖަޕާން އަތުން 0-1 އިން އެމެރިކާ މޮޅުވިއިރު، ފްރާންސް އަތުން ބްރެޒިލް މޮޅުވީ ވެސް 0-1 އިންނެވެ.
ލިޔޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން، ސްޕެއިނާ ދެކޮޅަށް ކުރީން ލީޑްނެގީ ވެސް ކޮލަމްބިއާ އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ މޭރާ ރަމީރޭޒް އެވެ. މި ގޯލާއެކު ކޮލަމްބިއާ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ލެއިސީ ސަންޓޯސް ވައްދާލި ލަނޑާއެކު ކޮލަމްބިއާ އިން ދެލަނޑުގެ ލީޑެއްނެގިއެވެ.
ސްޕެއިނުން ލަނޑެއްޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ، މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށެވެ. އެގޮތުން، އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެނިފާ ހާމޯސާ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި އައިރީނާ ޕަރެޑޭސް ކާމިޔާބުކުރި ގޯލާއެކު ސްޕެއިނުން ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މިއާއެކު، ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ ދެ ހާފަށް ފަހު ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން، ދިޔައީ ޕެނަލްޓީ ޝޫޓްއައުޓް އަށެވެ. ޕެނަލްޓީގައި ސްޕެއިނުން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ކޮލަމްބިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ.
މި ފަހަރުގެ ގޭމްސްގެ އަންހެނުންގެ ފުޓްބޯޅައިގައި ރޭ ހޯސްޓް، ފްރާންސް އަތުން ބްރެޒިލް މޮޅުވީ ފަހު ހާފުގައި ގަބީ ޕޯޓިލޯ ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް ޕެނަލްޓީއެއް ލިބި ވަނީ ނާކާމިޔާބުވެފައެވެ. އެ ޓީމުގެ ސަކީނާ ކަރްޝާވީ ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު، ލޮރޭނާ ވަނީ މަތަކޮށްފައެވެ. ބްރެޒިލުން މި މެޗަށް ނިކުތްއިރު މާރްތާ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނެވެ.
އެންމެ ފަހުގެ ހަތަރު އޮލިމްޕިކް ގޭމްސްގައި އަންހެނުންގެ ފުޓްބޯޅައިގައި ރަން މެޑެލް ހާސިލްކޮށްފައިވާ އެމެރިކާ އިން ޖަޕާން އަތުން މޮޅުވީ މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ އިންޖަރީ ޓައިމްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކުރީގެ ބާސްކެޓް ބޯޅަ ލެޖެންޑް، ޑެނިސް ރޮޑްމަންގެ އަންހެން ދަރި، ޓްރިނިޓީ ރޮޑްމަން އެވެ.
އިދިކޮޅު ޓީމުގެ ތަމްރީންތަކުގައި ޑްރޯން ބޭނުންކޮށްގެން ޖާސޫސްކުރުމުގެ ކުށުގައި އަދަބުލިބުނު ކެނެޑާ އަށް މުބާރާތުން އަލްވަދާއު ކިޔަންޖެހުނީ ޕެނަލްޓީގައި 2-4 އިން ޖާމަނީ އަތުން ބަލިވުމުންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން، ދެން ކުޅެވުނު އިތުރުވަގުތު 15 މިނެޓުގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއްނައުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޖާމަނީ އިން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، ކެނެޑާ އިން ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ.
ރޭގެ މެޗުތަކަށްފަހު ސެމީ ފައިނަލްގައި ކުޅެންޖެހޭ ޓީމުތައް ކަށަވަރުވެފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި އެމެރިކާ ނިކުންނާނީ ޖާމަނީއާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ބްރެޒިލް ބައްދަލުކުރާނީ ސްޕެއިނާ އެވެ.