ޚަބަރު

ކުޑަކުދިންނަށް ދޭ ރޯގާ ބޭހެއް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި


  • މި ބޭހުގެ ކޮލެޓީ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި

  • ފާމަސީތަކާއި ގުދަންތަކުގައި މި ބޭސް ހުރި ނަމަ އެންގުމަށް ވަނީ އެދިފައި

  • މިއީ އިންޑިއާގެ ކުންފުންޏަކުން އުފައްދާ ބޭހެއް

ރޯގާ ޖެހުމުންނާއި އެލާޖިކްވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ 3 ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، އެ ބެޗުތައް ރާއްޖޭގައި ވިއްކުން މަނާކޮށްފިއެވެ.

ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ އިންޑިއާއިން އުފައްދާ އަލެގްރާ ބޭހުގެ AL1223019، AL1223060، އަދި AL1223029 ބެޗްތަކުގައި ހިމެނޭ ބޭހެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން، އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، ރާއްޖެ އެތެރެކޮށް ބޭނުންކުރާ މި ބޭހުގެ 3 ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް ބޭސް އުފައްދާފައިވާ ކުންފުނިން އެލަރޓްކޮށްފައިވާކަމަށެވެ. އެހެންކަމުން އެ 3 ބެޗް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށް އެމް.އެފް.ޑީ.އޭއިން ވިދާޅުވެއެވެ.

މި ބޭހުގެ ބެޗްތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީއަށް އެންގުމަށްވެސް އެމް.އެފް.ޑީ.އޭއިން އެދެއެވެ.

މި ބޭހަކީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.