ޚަބަރު

ޕޭރޯލާއި ބޮޑެތި ޢަދަދުތަކުން ފައިސާ ޓްރާސްފަރކުރުމުގެ ޚިދުމަތް ބީއެމްއެލުން މެދުކަނޑާލައިފި


  • ބޯޑެތި ޢަދަދުތަކުން ފައިސާ ޖަމާކުރެވޭނީ އީމެއިލް މެދުވެރިކޮށް ފޮނުވުމުން

ޕޭރޯލާއި ބަލްކް ޓްރާންސްފާކުރަން ނުވަތަ ބޮޑެތި ޢަދަދުތަކުން ފައިސާ ފޮނުވުމާއި، އިންޓަނެޓް ބޭންކިންއާއި، ފަވަރަ ބޭނުންކުރުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ބީއެމްއެލުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރި ޕޯސްޓެއްގައި ބުނީ، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިންވެސް އެކަން ކުރަމުން އައި ގޮތަށް، އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ބޭންކުން ބުނީ [email protected] އަށް މެއިލް ފޮނުވުމުން މުސާރައާއި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރުން ކުރިއަށްދާނެކަމަށެވެ.

ބީއެމްއެލުން މި ބަދަލު ގެނައުމަށް ނިންމާފައިމިވަނީ ނިމިދިޔަ މަހުގެ މުސާރަ ޖަމާކުރިއިރު ލިލީ ބީޗް ރިސޯޓުގެ މުވައްޒަފެއްގެ އެކައުންޓަށް 77 ބިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރެވުމާއި ގުޅިގެންނެވެ. ބޭންކުން ވަނީ އެ މައްސަލަ މިހާރު ޙައްލުކޮށްފައެވެ.


ބީއެމްއެލުން ބުނީ އެހާ ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރެވުނުނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައިނުވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައިނުވާކަމަށާއި، އެކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން ހެދުނު ގޯހަކުންކަމަށްވެސް ބީއެމްއެލުން ވަނީ ބުނެފައެވެ.

ބޭންކުން ދަނީ އެ ކުންފުނީގެ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.