ޚަބަރު

ރީޑިން ނަގާ ދުވަހު ވަގުތުން ވަގުތަށް ބިލް ފޮނުމުގެ ވިސްނުން އެބަހުރި: ފަހުމީ


  • ސްޓެލްކޯއިން މިހާރު ބިލް ފޮނުވަނީ ރީޑިން ނަގާތާ މަހެއްހާ ދުވަސް ފަހުން

  • ފަހުމީ މި ވިދާޅުވީ މައްސަލަ އޮންނަތާ 15ވަރަކަށް އަހަރު ވެއްޖެކަމަށް

  • ވަގުތުން ބިލް ފޮނުވޭނެ ނިޒާމު ޤާއިމަށް ރައްޔިތުންގެ ޚިޔާލު ހޯދާނެ

ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ:ޕީއެސްއެމް

ކަރަންޓު މީޓަރުން ރީޑިން ނަގާ ދުވަހު، ވަގުތުން ގޭބިސީތަކަށް ބިލް ފޮނުވޭނެ ގޮތަށް ބިލްކުރާ ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ކަރަންޓު ބިލްގެ މައްސަލަތަކާއި ގުޅިގެން އާންމުންގެ ހުރި ކަންބޮޑޫވުންތަކާ ގުޅިގެން މަޢުލޫމާތު ދިނުމަށް ސްޓެލްކޯއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ މިހާރު ބިލްކުރަ އުސޫލުގައި، ބިލް ފޮނުވެނީ ގޭބިސީތަކުން ރީޑިން ނަގާތާ 25-30 ދުވަސް ފަހުންކަމަށެވެ. އޭގެ ސަބަބުން ކަރަންޓު ބިލް ބޮޑުވެގެން ޝަކުވާ ހުށަހަޅާއިރު، އޭގެ ސަބަބުން މައްސަލަތައް ބަލާ ރައްޔިތުންނަށް ޖަވާބުދޭންވެސް ދަތިވާކަމަށް ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ރީޑިން ނަގާ ވަގުތު ނުވަތަ ދުވަހުން ދުވަހަށް ބިލް ފޮނުވޭނެ ނިޒާމެއް އޮތުން މުހިންމުކަން ޤަބޫލުކުރައްވާކަމަށެވެ.

އަދި އެކަމުގެ ވިސްނުން މިހާރު ސްޓެލްކޯއިން ގެންގުޅޭކަމަށާއި އެކަން ކުރިއަށްގެންދާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. މިއާއެކު އާއްމުންގެ ޝަކުވާތަށް ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމަށް ފަހުމީ ވިދާޅުވިއެވެ.

"1-2 ދުވަސް ލަސްވަމުން ގޮސް، މިހާރު ބިލް މި ކުރެވެނީ ރީޑިން ނަގާތާ މަހެއްހާ ދުވަސް ފަހުން. މި މައްސަލަ މިވަރަށް އައީ 15 ވަރަކަށް އަހަރުން. ނަމަވެސް ބިލް ފޮނުވުމަކީ ދުވަހުން ދުވަހަށްވެސް ކުރެވިދާނެކަމެއް، އަޅުގަނޑުމެންގެ މުވައްޒަފު ރީޑިން ނަގާ ވަގުތުވެސް. އެކަން އެގޮތަށް ކުރުމުގެ ވިސްނުން އެބަހުރި" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ހެޑް އޮފީސް/ ފޮޓޯ:މިހާރު

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިފަދަ ބަދަލެއް ގެންނާނީ ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ހޯދާ އަދި އެކަމުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ދީގެންކަމަށެވެ.

މާލޭގެ 60،000 އަށްވުރެ ގިނަ ގޭބިސީއަށް ސްޓޭލްކޯއިން ކަރަންޓުގެ ޚިދުމަތްދޭއިރު ކަރަންޓު ބޭނުންކުރާ ނިސްބަތް އަހަރަކު އެތަށް އިންސައްތައެއް އަންނަނީ އިތުރުވަމުންނެވެ.