ޚަބަރު

ބިލްތައް ބޮޑުވި ގެތަކުގެ މައްސަލަ ދެނެގަތުމަށް ސްޓެލްކޯއިން އޮޑިޓެއް ފަށައިފި


  • މާލޭގައި %6 ގޭބިސީގެ ބިލްތައް މިދިޔަ މަހަށްވުރެ ބޮޑު

  • ހުޅުމާލޭގައި %15 ގޭބިސީގެ ބިލްތައް މިދިޔަ މަހަށްވުރެ ބޮޑު

  • ގޭގެއަށް ގޮސްގެން މައްސަލަތައް ދެނެގަންނަން ވަނީ ފަށާފައި

ކަރަންޓު ބިލްތައް މިމަހުވެސް ބޮޑުވި ގެތަކުގެ މައްސަލަތައް ބަލައި ޚާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިމަހު މާލެ ސަރަޙައްދުގެ ގޭބިސީތަކުގެ ތެރެއިން %94 ގޭގެ ބިލް، މިދިޔަ މަހަށްވުރެ ކުޑަވެފައިވާކަމަށް ސްޓްލްކޯއިން ވަނީ ބުނެފައެވެ. މާލެ ސަރަޙައްދުގެ ގޭބިސީތަކުގެ އަދަދު 60 ހާހަށް އަރައެވެ.

ކަރަންޓު ބިލްތައް ބޮޑުވާ މައްސަލައިގައި މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މާލޭގެ %6 ގޭބިސީގެ ބިލްތައް މިމަހު، މިދިޔަ މަހަށްވުރެ ބޮޑުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އަދި މިދިޔަ މަހަށްވުރެ ހުޅުމާލޭގައި ބިލްތައް %15 ގޭބިސީގައި ބޮޑުވެފައިވަކަމަށެވެ.

ބިލްތައް ބޮޑުވާން ދިމާވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީކަމަށް ސްޓެލްކޯއިން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ފަހުމީ ވިދާޅުވީ ރީޑިންނެގުމާއި ބިލްތައް ހެދުމުގެ އެވެސް މަރުހަލާއެއްގައި ސްޓެލްކޯއިން އޮޅުވާލާފައި ނުވާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެހެންކަމުން ސްޓެލްކޯއިން މިހާރު ނިންމާފައިވަނީ، ބިލްތައް ތިރިނުވެ މިދިޔަ މަހަށްވުރެ މިމަހު ބިލްތައް ބޮޑުވި ގޭބިސީތަކަށް ގޮސްގެން ހުރި މައްސަލަތައް ދެނެގަތުމަށްކަމަށް ސްޓެލްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ގެތަކަށްވެސް ސްޓެލްކޯގެ މުވައްޒަފުން ގޮސް، އެ ތަންތަނުގެ ކަރަންޓު ނެޓްވަރކް އާއި ކަރަންޓުން ބޭނުންކުރާ ސާމާނުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް ފަހުމީ ވިދާޅުވިއެވެ. އޭގެ ބޭނުމަކީ ބިލްތައް ބޮޑުވާ ސަބަބުން ރައްޔިތުން ފަސޭހައިން ބުނެދީ، އެކަން ޙައްލު ކުރެވޭނެ ގޮތްތައް އޮޅުންފިލުވައިދިނުމަށްކަމަށް ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ ޓީމްތައް ހަރަކާތްތެރިވޭ އެބަ ގޭގެއަށް ގޮސްގެން. ބިލް ބޮޑުވި ހުރިހާ ގެތަކަށް ޒިޔާރަތްކުރާނަން. އޭރުން ބިލް ކުރަމުންދާ ގޮތާއި، އަދި މައްސަލަ ހުރި އިކުޕްމަންޓްތައްވެސް ބަލައިދީ އޮޅުންފިލުވައިދޭނެ. ބިލް ބޮޑުވި އެހެން ގޭގެއިންވެސް ބަލަން ބޭނުންނަމަ ގުޅައިގެން ކުރިއަށްގެންދެވޭނެ" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ހުލުމާލޭގެ ބައެއް ގެތަކުގެ ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ. ޚާއްސަކޮށް އަކަފޫޓު ބޮޑެތި އަދި ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ގޭބިސީތަކުގެ ބިލްތައް ބޮޑުކަމަށެވެ. ނަމަވެސް މިކަންވެސް އިތުރަށް ބެލުމަށް އެގެތަކަށް ސްޓެލްކޯގެ ޓީމްތައް ޒިޔާރަތްކޮށް އޮޑިޓެއް ހަދާ އެކަމަށްވެސް ޖަވާބު ހޯދާނެކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގައި ޕީކް ގަޑިތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް މިދުވަސްވަރު އުޅެނި 103-105 މެގަވޮޓްގައެވެ. ނަމަވެސް މިއަހަރު އެންމެ ހޫނު ގަދަވި ދުވަސްވަރު އެ އަދަދު 113 މެގަވޮޓްއަށްވެސް އަރައިގެން ދިޔަކަން ސްޓެލްކޯއިން ފާހަގަކުރެއެވެ.