ކުޅުދުއްފުށި ޕޯޓްގައި ޤާއިމުކުރާ ބޯޓް ޔާޑުގެ މަސައްކަތް ނިންމައި، މިމަހު ޚިދުމަތްދޭން ފެށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ހާމަކޮށްފިއެވެ.
ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ތަރައްޤީކުރާ ބޯޓް ޔާޑުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އާއި މެނޭޖްމަންޓްގެ ބައެއް ބޭފުޅުންވަނީ ކުޅުއްދުއްފުށި ޕޯޓަށް ހުކުރު ދުވަހު ޒިޔާރަތްކޮށްފައެވެ.
15،000 އަކަ ފުޓޫގެ މި ބޯޓް ޔާޑުގެ 95 އިންސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޕީއެލުން ހާމަކުރެއެވެ.
އެމްޕީއެލުން ބުނީ ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތް ކަމަށާއި މި މަސައްކަތް ނިންމައި، މި މަހުގެތެރޭގައި ބޯޓް ޔާޑުގެ ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އަދި ފިނިޝްގެ މަސައްކަތްތައް ނިންމައި، ޚިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
ކުޅުދުއްފުށީ ޕޯޓުގައި އެމް.ޕީ.އެލް އިން ޤާއިމް ކުރަމުންދާ ބޯޓް ޔާރޑް ގެ މަސައްކަތް ސީއީއޯ މުޙައްމަދު ވަޖީހު ވަނީ މިއަދު ބައްލަވާލައްވައިފަ. #MaldivesPortsLimited #MPL #portmv pic.twitter.com/D9RjIPrdbl
— Maldives Ports Limited (@Portmv) August 2, 2024
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައި، މި ބޯޓް ޔާޑަކީވެސް މެރިޓައިމްގެ ޚިދުމަތުގައި މުހިންމު ބަޔަކަށްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ޚިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ޤާޢިމްކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވި ދުވެއްޔެއްގައި ދަނީ ކުރިއަށެވެ.