ޚަބަރު

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ސަރވޭގެ މަސައްކަތް ފަށައިފި


  • ސަރވޭގެ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެވަނީ އައިސްފައި

  • މިއީ ފުލްފްލެޖް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް

  • އަމާޒަކީ މިއަހަރުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށުން

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢާ ގުޅޭ ޗައިނާގެ ޓެކްނިކަލް ޓީމެއް މިހާރު ވަނީ ރާއްޖެ އައިސް، މަސައްކަތް ފަށާފައެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހަމަޖެހުނު ހިލޭ އެހީގައި ހިންގަވަން ނިންމެވި މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ރާއްޖެއާއި ޗައިނާ ސަރުކަރާ ދެމެދު ސޮއިކޮށްފައިވަނީ މޭމަހުގެ ފަހުކޮޅުއެވެ.

ޗައިނާގެ "ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ"އިން ރާއްޖެއަށް ކުރަމުންދާ ދަތުރުގައި އިއްޔެ ވަނީ، މިމަޝްރޫޢާ ގުޅުންހުރި އިސް އިދާރާތަކާ ބައްދަލުކުރައްވާފައެވެ.

ލެޓަރ އޮފް އެކްސްޗޭންޖްގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ، އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާއި ސިއްޙަތާ ބެހޭ ވުޒާރާ އަދި މާލެ ސިޓީ ގްރޯޕް އޮފް ހޮސްޕިޓަލްސްގެ އިސް ފަރާތްތަކާ ޗައިނާގެ އެޖެންސީގެ ފަރާތުން ބައްދަލުކޮށްފައިވާކަމަށެވެ.

މިބައްދަލުވުމުގައި ވަނީ މިމަޝްރޫޢު ކުރިއަށްގެންދާނެގޮތުގެ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން މަޝްރޫޢު ޑިޒައިންކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ދެފަރާތުގެ ދެމެދުގައި ހިއްސާކޮށްފައެވެ.

މީގެއިތުރުން މި ޓީމުން ވިލިމާލެ ހޮސްޕިޓަލަށް ޒިޔާރަށްކުރުމާއި، އައު ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރާ ސަރަޙައްދު ބަލާނެއެވެ.

ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ، މި ދިރާސާގެ ބޭނުމަކީ ހޮސްޕިޓަލްގެ ކުރެހުންތައް ތައްޔާރުކުރުމާއި ޤާއިމުކުރާ ޚިދުމަތްތަކަށް ބޭނުންވާ މަޢޫލޫމާތު އެއްކުރުމާއެކު، މަޝްރޫޢަށް ކޮންޓްރެކްޓަރެއް ހޯދުމަށް ބޭނުންވާ ރިކުއަރމެންޓްތައް ފުރިހަމަކުރުންކަމަށެވެ.

މި މަޝްރޫޢުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވަނީ، އުއްމީދަކީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުންކަމަށެވެ. އަދި މަސައްކަތް ފަށާތާ 2 އަހަރުތެރޭގައި މަޝްރޫޢު އެއްކޮށް ނިންމާލުންކަމަށެވެ.

ސިއްޙާތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާވެފައިވަނީ މި ހޮސްޕިޓަލް ވެގެންދާނީ ރާއްޖެއަށް މުޅިން އައު ގިނަ ޚިދުމަތްތަކެއް ތަޢާރަފުކުރާ މަޝްރޫޢަކަށްކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ މީހުން ބަލިން މުޅިން ފަސޭހަވަންދެން، ހުރިހާ މަރުހަލާއެއްގެ ޚިދުމަތް ހޮސްޕިޓަލުން ދޭނެކަމަށެވެ.

މީގެ އިތުރުން ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށްދޭ ޚާއްސަ ފަރުވާއާއި ފީނައިގެން ޑީކޯވާ މީހުންނަށް ދޭ ފަރުވާއާއި، އިތުރު ބޮޑެތި ސްޕެޝަލައިޒް ފައުވާތައް ދޭނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

ވިލިމަލޭގައި މިހާރު ބޭނުންކުރަމުންދާ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ދެވޭނެ އިންޕޭޝަންޓް ޚިދުމަތެއް ނެތެވެ. ނަމަވެސް 5 އެނދުގެ އެމަރޖެންސީ ރޫމެއް ބޭނުންކުރަމުން އާދެއެވެ. އިތުރުފަރުވާއަށް ގެންނަނީ މާލެއަށެވެ.

ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލް އިމާރާތާއި އަދި އެތަނުގެ ވަސީލަތްތައްވެސް ޤާއިމުކުރާނީ ޗައިނާގެ އެހީގައެވެ. މި ހޮސްޕިޓަލް ވިލިމާލޭގައި ތަރައްޤީކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުޅިފަޅުގައި މީހުން އާބާދުވުމުން އެމީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ހޮސްޕިޓަލެއް ހުރުން މުހިންމުވާތީކަމަށް ސަރުކާރުން ހާމަކުރައްވައެވެ.