ޚަބަރު

އާރްޑީސީ އެސްއޯއީ ކޮމެޓީއަށް ހާޒިރު ކުރަނީ


  • ފާއިތުވި ތިން އަހަރު އާރްޑީސީގެ އެއްވެސް އޮޑިޓެއް ހަދާފައެއް ނުވޭ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކުރަން އެކޮމެޓީން ނިންމައިފިއެވެ.

މިދިޔަ ސަރުކާރުގައި އާރްޑީސީގެ ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އަދި ފާއިތުވި ތިން އަހަރު ވެސް އެ ކުންފުނީގެ އޮޑިޓެއް ހަދާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް އާރްޑީސީ ހާޒިރު ކުރުމަށް ޖުށަހެޅުއްވީ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ. އެ މެމްބަރުގެ ހުށަހެޅުއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދުވަނީ ތާޢީދުކުރައްވާފައެވެ.

މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ އާރްޑީސީގެ މާލީގެ ހާލަތާއި ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކުންފުނީގެ މެނޭޖްމަންޓް ވީހާ ވެސް އަވަހަށް ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މުވައްޒަފުން ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވާ ކަމަށް ފުލުހުން މާރޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފައެވެ. މި ކޮރަޕްޝަން ހިންގާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި ހަމައަށެވެ.

އާރްޑީސީގެ ދަރަނި 300 މިލިއަން ރުފިޔާއާއި ގާތްކުރާކަމަށާއި، އެ ދަރަނި ޚަލާސްކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރީތައް ވަމުންދާކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވެސް ވަނީ ވިދާޅުވެފައެވެ.

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެކުންފުނީގެ މާލީ ޙާލަތު އޮތީ ވަރަށް ގޯސްކޮށްކަމަށާއި، އެކަމުން އަރައިގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އެކުންފުންޏާ ޙަވާލުކޮށްފައި ހުރި މަސައްކަތްތައް ފެށުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް ޒުހައިރު ވިދާޅުވިއެވެ.