ޚަބަރު

ރައީސަކީ މަޝްވަރާގެ ރިވެތި އުޞޫލު ގެންގުޅުއްވާ ބޭފުޅެއް: މެންބަރު ސަލީމް


  • ކިތަންމެ ކުޑަކަމާ ގުޅިގެންވެސް ލީޑަރޝިޕާ ރައީސް މަޝްވަރާ ކުރައްވާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒަކީ މަޝްވަރާގެ ރިވެތި އުސޫލު ގެންގުޅުއްވާ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ އިދިކޮޅުން ކިތަންމެ ފާޑުކީނަމަވެސް ސަރުކާރުން އެކަމަށް ސަމާލުކަން ނުދޭނެ ކަމަށެވެ. ރައީސްގެ ހިތްޕުޅުގައި އޮތީ ޤައުމުގެ މުސްތަޤްބަލަށްލުރައްވާނެ ކަންކަންކަމަށާއި، އެމަނިކުފާނަކީ ޤައުމަށް ވަފާތެރި އިހްލާސްތެރި ބޭފުޅެއްކަމަށް ސަލީމް ވިދާޅުވިއެވެ.

އެންމެން ރުއްސައިގެން ޤައުމު ނުހިންގޭނެ ކަމަށާއި، ތެދުވެރިކަމާ އަމާނާތްތެރިކަމާއެކުގޮސް ޤައުމު ހަމަމަގަށް އަޅުވާނެކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އޮތީ ވަރަށް ބަދަހިކޮށްކަމުގެ ޔަޤީންކަން އަރުވަމުން ސަލީމް ވިދާޅުވީ ކިތަންމެ ކުޑަކަމާ ގުޅިގެން ނަމަވެސް ލީޑަރޝިޕާ ރައީސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ވިސްނަވާ ރައީސްގެ ހުންނަ މަޝްވަރާގެ ރިވެތި އުސޫލު. ކިތަންމެ ކުޑަކަމެއް ވިޔަސް ލީޑަރޝިޕާ ބައްދަލު ކުރައްވާ މަޝަވަރާ ކުރައްވާނެ. ވަޒީރުންގެ މަޖިލީހާއި ކޮމިޓީތަކާ ވެސް މަޝްވަރާ ކުރައްވާ. މި ހުރިހާ ކަމެއް މިހެން ހުރިއިރު ކޮބައިތޯ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ބޭނުމަކީ؟ މީހަކު ރަނގަޅަށް ކަމެއް ކުރަންޏާ އަންނާނެ ބައެއް މީހުންގެ ނުރުހުން" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރައީސްގެ އަރިހުގައި ބޮޑު ޓީމެއް އޮތުމުގެ ސިއްރަކީ އެމަނިކުފާނުގެ އިޚްލާސްތެރިކަން ކަމަށެވެ. އަދި ރައީސް ޤައުމު ކުރިއަށް ގެންދަނީ އިސްލާޙުގެ ޕްރޮގްރާމުން ކަމަށާއި، އެއްވެސް ރައްޔިތަކަށް ނިކަމެތި ކަމެއް ނާންނާނެގޮތަށްކަމަށެވެ.

ސަލީމް ވަނީ މިދިޔަ ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާކަމަށް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މި ޤައުމު މި ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާކަމަށްވެސް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވިއެވެ.