ޚަބަރު

ކޭޕާކް މައްސަލައިގެ ޝަރީއަތް ފަށައި ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި


  • ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުހުލަތެއް ދިން

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުވާ ޙަސަން މަމްދޫހުގެ ޝަރީއަތް ފަށައިފިއެވެ.

ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ ޙަސަން މަމްދޫހް ފްލެޓް ވިއްކާނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެއެވެ. އެއީ ޓެކުމުގެ 50 ދައުވާއަކާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްޙަ ނޫން ލިޔުމެއް ދިނުމުގެ ތިން ދަޢުވާއާއި މަނީ ލޯންޑްރިންގެ އެއް ދަޢުވާއެވެ. މި މައްސަލާގައި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް ވެސް 95 ދައުވާ ވަނީ އުފުލާފައެވެ.

މަމްދޫހް އާއި ޖައިޝާންގެ ޝަރީއަތް ފެށީ އެއްކޮށެވެ. އަދި އެ ދެ މީހުންނަށް ވެސް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލައިގައި ދައުވާ ކުރާ ޙަސަން މަމްދޫހުގެ އެޕާޓްމަންޓާއި، އެތަނުގައި ހުރި ތަކެތީގެ އަގު ދައުލަތުގެ ވުޒާރާއެއްގެ އެއްއަހަރުގެ ބަޖެޓާ ހަމަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ މިމައްސަލާގައި ތުހުމަތުކުރެވޭ ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެން އޮތްކަމަށެވެ.

މިޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށެވެ.

މަމްދޫހަކީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކޭޕާކް ރެސިޑެންސްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި ހުރިކަން ފުލުހުންގެ ތަޙުޤީގުން އެނގެން އޮތްކަމަށެވެ. އެގޮތުން 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާކަން އެނގެން އޮތްކަމަށް ވިދާޅުވިއެވެ.

ޙަސަން މަމްދޫޙު ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާކަންވެސް ފުލުހުންގެ ތަހްޤީޤަށް ވަނީ ހޯދިފައިވެއެވެ.

މިޕެންޓްހައުސް މިހާރުވަނީ ކޯޓު އަމުރެއްގެ ދަށުން 01 އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަމްދޫހު މިވަގުތު ހުރީ ބަންދުން ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ ސާޅީސް އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އެބައޮތެވެ.