ޚަބަރު

ޑޮމެސްޓިކް ރޭޓުގައި މިސްކިތްތަކަށް ބިލްކުރަން ފެށުމުން 25.7 މިލިޔަން ރުފިޔާ ސަލާމަތްވޭ


  • މިސްކިތްތަކުގެ ކަރަންޓު ބިލްތައް ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްދަނީ މަސައްކަތްކުރަމުން

  • މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށްޓަކައި މައުލޫމާތު އެއްކުރަމުންދާ ކަމަށް ވިދާޅުވި

މިސްކިތްތަކުގެ ކަރަންޓް ބިލް ކުރާ ބޭންޑު ޑޮމެސްޓިކް ރޭޓަށް ބަދަލު ކުރުމުން ކަރަންޓު ބިލުން 25.7 މިލިއަން ރުފިޔާ ކައުންސިލްތަކަށް ސަލާމަތް ކުރެވޭ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ މިސްކިތްތަކަށް ކުރިން ބިލްކުރަމުން އައީ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްފައި އޮންނަ އެންމެ މަތީ ބޭންޑުން ކަމަށާއި މިހެންވުމުން ބިލްތައް ދެއްކުމަށް ކައުންސިލްތަކަށް ދަތިވިކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިސްކިތްތަކަށް ކަރަންޓު ބިލް ކުރާ ބޭންޑް މިހާރު ކުޑަކޮށްފައިވާ ކަމަށާއި، މިއާއެކު ކައުންސިލްތަކުން މިސްކިތްތަކުގެ ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަ ވެގެންދާނެ ކަމަށެވެ.
އަދި ކުޑަކުރެވުނު މިފައިސާއިން ޔުޓިލިޓީ ކުންފުނިތަކަށް ސަރުކާރުން އަހަރެއްގެ މައްޗަށް 25.67 މިލިއަން ރުފިޔާ ސަބްސިޑައިޒް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ މިސްކިތްތަކުގެ ކަރަންޓު ބިލްތައް ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މިހާރުވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށްޓަކައި މައުލޫމާތު އެއްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރުވެސް 700 އަށް ވުރެ ގިނަ މިސްކިތް ހުރިއިރު މި މަސައްކަތުގެ ދަށުން ސޯލާ ކުރެވޭނެ މިސްކިތްތަކާއި އަދި އެ މިސްކިތްތަކުގެ ކަރަންޓު ބިލްތަކަށް މިހާރު އަރާވަރު މިމަޢުލޫމާތުން އެނގޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ ކަރަންޓަށް ބިލް ކުރާ ބޭންޑް ޑޮމެސްޓިކް ބޭންޑަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ފެބްރުއަރީ މަހުގެތެރޭގައެވެ. މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި މިބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު ހަމަޖައްސާފައިވަނީ އެކުންފުނިތަކަށް މަދުވާ އާމްދަނީ ސަރުކާރުން ސަބްސިޑައިޒް ކުރާ ގޮތަށެވެ.