ޚަބަރު

ކުރީގެ އެޑިއުކޭޝަން މިނިސްޓަރުގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް ބަލަނީ


  • މިމައްސަލަ ހުށައަޅާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު

  • ޑރ. އައިޝަތު އަލީ ވިދާޅުވީ ވެރިކަން ބަދަލުވުމުން އެމެއިލް ޑީއެކްޓިވޭޓް ކުރިކަމަށް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ބޭނުންކުރަމުން ގެންދެވި ރަސްމީި އީމެއިލް 2023 ވަނަ އަހަރުގެ ތެރޭގައި ޑިލީޓް ކޮށްފައިވާ މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި އެމައްސަލަ މިމަހުގެ 25 ވަނަ ދުވަހު ހުށައަޅާފައިވާއިރު މައްސަލަ ތަޙްޤީގުކުރަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމް އަދާކުރެއްވި މިނިސްޓަރުންގެ ރަސްމީ އީމެއިލްތައް މިހާރު ވެސް ހުރި ކަމަށް މަޢުލޫމާތުލިބެއެވެ.

އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު ޑރ.އައިޝަތު އަލީ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑިއެކްޓިވޭޓް ކޮށްފައިވާ ކަމަށާއި މިއަދު މެންދުރު 1:15 ގައި އެއެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން އެއެކައުންޓުން އެއްވެސް ފަރާތަކަށް އީމެއިލެއް ލިބިއްޖެ ނަމަ އެއީ އޭނަގެ ފަރާތުން ފޮނުވާ މެއިލްއެއް ނޫންކަމަށްވެސް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.