ޚަބަރު

ގަވަރުނަރަކަށް މުނައްވަރު އައްޔަންކުރެއްވުމަށް ކޮމިޓީން ރުހުންދީފި


  • ކޮމިޓީން ފާސްކުރީ މެންބަރުންގެ އިއްތިފާގުން

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު އައްޔަންކުރުމަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި މިގޮތަށް ނިންމާފައިވަނީ މުނައްވަރާ އިންޓަވިއުކުރުމަށްފަހުގައެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޙާޝިމް އެމަޤާމުން ވަކިކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މަޖިލީހުގެ ލަފާގެ މަތިންނެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމަށް މުނައްވަރު އައްޔަން ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މުނައްވަރުގެ ނަންފުޅު ދިރާސާ ކުރުމުގެ މަސައްކަތުގެ ތެރެއިން އާންމުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަން މަޖިލީހުގެ މާލީއްޔަތު ކޮމިޓީއާ ހިއްސާކުރުމުގެ ފުރުސަތުވެސް އެ ކޮމިޓީން ހުޅުވާލިއެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ މުނައްވަރާ އިންޓަވިއު ކުރުމަށްފަހު މާކްސް ދެއްވާފައެވެ. އެގޮތުން، އެވްރެޖް 94.73 އިންސައްތަ މާކްސް މުނައްވަރަށް ލިބިވަޑައިގެންފައިވެއެވެ. އޭނާއަކީ މަގާމަށް ޤާބިލު އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމަށްވާތީ އެމްއެމްއޭގެ ގަވަރުނަރަކަށް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކުރީގެ މާލީ ވަޒީރު އަޙްމަދު މުނައްވަރު މިހާރު ހުންނެވީ މާލީ ވަޒީރު އެޑްވައިޒަރުގެ ގޮތުގައެވެ. މުނައްވަރު ވަނީ އެމްއެމްއޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެންނެވެ.

އެމްއެމްއޭގެ ޤާނޫނުގައިވާ ގޮތުން ގަވަރުނަރު އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ. ގަވަރުނަރުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވަނީ ވަޒީރުންގެ ފެންވަރުގައެވެ.