ޚަބަރު

އޯކިޑްޕްލާޒާގޭގައި ރޯވި އަލިފާން ނިއްވާލައިފި


  • އަލިފާން ރޯވީ ފަތިހު

  • އަލިފާން ރޯވި ގެޔަކީ މީހުން ދިރިނޫޅޭ ގެއެއް

މ.އޯކިޑްޕްލާޒާގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

މިއަލިފާން ނިންވާލާފައިވަނީ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުނެވެ. މ.އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އަދި އަލިފާން ރޯވީ އޯކިޑްޕްލާޒާގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު، ރޭ ފަތިހު 03:31 ހާއިރު ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވިއެވެ. އަދި އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 04:49 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އަލިފާނުގެ ހާދިސާއާގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި ގެތަކުން 48 މީހަކު އެހެން ގެތަކަށް ބަދަލުކުރިކަމަށެވެ. މީގެތެރޭގައި 15 ކުޑަކުދިންވެސް ހިމެނޭކަމަށާއި، ނަމަވެސް މިހާރު އެ ހުރިހާ އެންމެން އެމީހުންގެ ގެތަކަށް އަނބުރާ ވައްދާފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.