ޚަބަރު

ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ނިޔާވުމާގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ


  • ހާމިދު ނިޔާވެފައިވަނީ އިންޑިއާގައި

  • އޭނާއަކީ އައިޓީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް

  • ނިމިދިޔަ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ހާމިދު ޝަފީޢު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާމިދު ޝަފީޢުއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ފަހަރެއްގެ މަތީން ވަޒީފާ އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމިދު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

ހާމިދު ޝަފީޢު އަކީ ނިމިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ނިޔާވީ، ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރި އޮޕަރޭޝަނަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހާމިދު ނިޔާވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ސާލިޙު ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއްކަމަށެވެ. އަދި އެދާއިރާއިން ޤައުމަށާއި ދައުލަތަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުވެސް ވަނީ ހާމިދަށް ހެޔޮ ދުޢާ ކޮށްދެއްވާފައެވެ.

ހާމިދު ފާހަގަވެގެން ގޮސްފައިވަނީ ނިމިދިޔަ ސަރުކާރުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ކޯވިޑް-19 ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އެޗްޕީއޭއިން އޭރު ބޭނުންކުރި ޕޯޓަލް ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ހާމިދު ޝަފީއުއެވެ.

ހާމިދު ޝަފީއުއަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި މިހާރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ޝަފީއުއާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއު އަދި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ ކޮއްކޮ ވެސް މެއެވެ.