ސިއްހަތު

ވިލިމާލެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތައް އިތުރުވުން


ވިލިމާލެ ހެލްތު ސެންޓަރ ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރިފަހުން އެ ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަދަދު އިތުރުވެގެން ގޮސްފައިވާކަމަށް ވިލިމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ވިލިމާލެ ހޮސްޕިޓަލްގެ 22 ވަނަ އަހަރީ ދުވަހާއި ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޙްޔިއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ފާއިތުވި 22 އަހަރުގެ ތެރޭގައި ވިލިމާލެ ހޮސްޕިޓަލުން ހޯދާފައިވާ ކާމިޔާބީތައް ވިލިމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޒާހިރު ފާހަގަކުރައްވާފައިވެއެވެ.

3 ވަނަ ލެވެލް ނުވަތަ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ވިލިމާލެ ހޮސްޕިޓަލް ހުޅުވާފައިވަނީ 2015 ވަނަ އަހަރުއެވެ. އަދި، އެ ބަދަލާއިއެކު އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާކަމަށް ވިލިމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޒާހިރު ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް 17،098 މީހުން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި މިއީ ބޮޑު ކުރިއެރުމެއް ކަމަށް ޒާހިރު ވިދާޅުވިއެވެ. ވިލިމާލެ ހޮސްޕިޓަލްގެ 22 ވަނަ އަހަރީ ދުވަހާއި ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ހިންގުމަށް އުފައްދަވާފައިވާ ގަވަރނިންގ ބޯޑުގެ މެމްބަރު އައިޝަތު ސާދުއެވެ. img:http://s1.psmnews.mv/images/660x400/14638177054964.jpg|ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު ނިހާނު ޙުސެން މަނިކް - ފޮޓޯ: ޕީއެސްއެމް

މި ހަފްލާގައި ވާހަކަދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު ނިހާނު ޙުސެން މަނިކް ވަނީ ސިއްޚީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ހަފްލާގައި ވިލިމާލެ ހޮސްޕިޓަލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަދާނީ ލިޔުން ދީފައެވެ.