ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ހޯދުމަށް ހުށަހަޅައިފި


  • ލައިސަންސް ހޯދުމަށް ހުށަހަޅާފައިވަނީ މިއަދު

  • ބޭންކް ހިންގުމަށް ހޯދަނީ ބޭރުގެ ތަޖުރިބާކާރު ފަރާތެއް

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު، އުފެއްދުމަށް ލައިސަންސް ހޯދުމަށް އެދި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއަށް ހުށައަޅައިފިއެވެ.

މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމަށް ލައިސަންސް ހޯދުމަށް އެދި އެމްއެމްއޭއަށް ހުށަހެޅުއްވިކަން ހާމަކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކްގެ ހުރިހާ ދިރާސާއެއް ހެދި، ބޭންކް އުފައްދަން ބޭނުންވާ ކުންފުނި ރަޖިސްޓްރީކޮށް ނިމިފައިވާކަމަށެވެ. އަދި ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޭންކް ހިންގާނެ އިމާރާތެއްގެ ކަންތައްތަކުގައި އަދި އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުން. އަޅުގަނޑުމެން ކުރިން ލަފާކުރީ ޖުލައިމަސް ތެރޭގައި މި ހުރިހައި ކަމެއް އަޅުގަނޑުމެންނަށް ނިންމޭނެކަމަށް. ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަދު ހަފްތާތަކެއްގެ ތެރޭގައި، އަޅުގަނޑުމެން މިހާރު ލަފާމިކުރެވެނީ އަންނަ މަހު އިރާދަކުރެއްވިއްޔާ މި ބޭންކް ވުޖޫދުކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކަށް ހޯދަނީ ބޭރުގެ ސީއީއޯއެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ނޫހެއްގައި މި ބޭންކަށް ސީއީއޯއެއް ހޯދުމަށް އިއުލާންކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ ބޭންކެއް ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.