ޚަބަރު

މިއަހަރުގެ މިހާތަނަށް 143 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައި: ފުލުހުން


  • ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 62 ކިލޯގެ މަސްތުވާތަކެތި

މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ، އެ މުއައްސަސާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯ އަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށްވެސް ނާހިދު ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާއެކު މިހާތަނަށް އަޅުގަނޑުމެންނަށް ނެގިފައި ހުރި މަސްތުވާތަކެތީގެ އަގު އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާއަށް، މި ސްޓެޓްސްތަކަށް ބަލާއިރުވެސް މި މަސްތުވާތަކެއްޗަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ އެއް މައްސަލަކަން ފާހަގަކުރެވޭ. އަދި އަޅުގަނޑުމެންނަށް އަތުލެވޭ މިންވަރުވެސް އެކި ފަހަރު އެކި އަދަދުތައް މި ހުންނަނީ" ނާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް އަދި ޓްރެޕިކް އިންވެސްޓިގޭޓް ހެޑް، އަހުމަދު ވަހީދު ވިދާޅުވީ މިދިޔަ ބުދަދުވަހު އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން 2.12 ކިލޯގެ ހިރޮއިން އަތުލައިގަނެފައިވާކަމަށެވެ. އަދި އެ ތަކެތީގެ އަގު 2 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވާނެކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އުމުރުން 25 އަހަަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު މީހާއާއި ދިވެހި 2 ފިރިހެނުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގައި ދިވެހިން ހަރަކާތްތެރިވާކަން ފުލުުހުންނަށް ފާހަގަކުރެވިފައިވާކަމަށެވެ.

"ދިވެހިން ރާއްޖެ އިން ބޭރުގައި ތިބެގެން ރާއްޖެ އަށް މަސްތުވާތަކެތި ފޮނުވައި، އެކަމަށް ފައިނޭންސްވެސް ކުރޭ އެކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އިންޓަޕޯލާއި އެހެން އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަނީ" ވަހީދު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 116 ބިދޭސީއަކީ ޑީޕޯޓްކޮށްލާފައިވާކަމަށެވެ.