ޚަބަރު

މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމަށް ހުޅުވާލައިފި


  • ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދެވޭނެ

މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުޞަތު ހުޅުވާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "މިސްކިތު ޤާރީ ކްލާސް ފޯމް" ލިންކް https://forms.gle/2tXnzJQo1ctrSFp36 މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން ހުށަހެޅުމަށް އެވުޒާރާ އިން ވަނީ އެދިފައެވެ.

ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެ ކުރީގެ އަހަރުތަކުގެ ތެރޭގައި ހިންގި ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކްލާސްތައް ހިލޭ ހިންގިފައެއްނުވެއެވެ. ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކްލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ކީރިތި ޤުރްއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމަކަށްވާތީ ސަރުކާރުން ވަޢުދުވިގޮތަށް އެ ފުޅާ މިނުގައި ޤުރްއާނާ ބެހޭ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.