ޚަބަރު

އޮލިމްޕިކްސް: ހުޅުވުމުގެ ރަސްމިއްޔާތު ސެއިން ކޯރުގައި ބޭއްވުމަށް ތައްޔާރުވަނީ


މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އޯޕަން-އެއާ ޝޯގެ ގޮތުގައި މިރޭ ޕެރިހުގެ އިރުމަތީގައިވާ ސެއިން ކޯރުގައި އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ތަފާތު ގޮތަކަށް ފެނިގެންދާނެ އެވެ. މިއީ އޮލިމްޕިކްސްގެ ތާރީޚުގައި ވެސް މެއިން ސްޓޭޑިއަމުން ބޭރުގައި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ އެންމެހަ ކަންތައްތަކެއް ފުރިހަމަ އަށް ގެންދިއުމުގެ ގޮތުން، ސިޓީ ސެންޓަރާއި އޭގެ މަތީގެ ވައިގެ ސަރަހައްދު ބަންދުކުރަންޖެހެއެވެ. މި ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމްތަކެއް ފުރިހަމަ އަށް ގެންގޮސް، ސަލާމަތީ ކަންތައްތައް އެންމެ ރަނގަޅަށް ބެލެހެއްޓުމަށް ޓަކައި، ގާތްގަނޑަކަށް 45 ހާހެއްހާ ފުލުހުން ފޯރިމެރުމަށް ހަމަޖެހިފައިވެއެވެ. އަދި ގިނަ އަދަދެއްގެ އަސްކަރީ ޔުނިޓްތަކެއް މޮބިލައިޒްކުރަންޖެހެއެވެ. މި ރަސްމިއްޔާތުގެ އެންމެހާ ކަންކަމެއް އެންމެ ރަނގަޅަށް ގެންދިއުމުގެ ގޮތުން މިދިޔަ ދެ އަހަރެއްހާ ދުވަހު ތައްޔާރުވުމަށް ސިއްރުން ވަނީ ރިހާސަލް ވެސް ބާއްވައިފައެވެ.

އާންމު ގޮތެއްގައި ސްޓޭޑިއަމުގެ ޓްރެކް ވަށައިގެން ހުރިހާ އެތުލީޓުން ޕެރޭޑް ކުރުމުގެ ބަދަލުގައި، މި ފަހަރުގެ ފެނިގެންދާނީ ދުނިޔޭގެ އެންމެ މޮޅު 8،000 އެތުލީޓުން ސެއިން ކޯރުގެ 6 ކިލޯމީޓަރުގެ ދުރުމިނުގެ ދަތުރެއް އުޅަނދުފަހަރުގައި ކުރާތަނެވެ. މި މަންޒަރުތައް ބެލުމަށް ތިން ލައްކަ އަށްވުރެ ގިނަ މީހުން ފާލަންތަކުންނާއި ކޯރު އައްސޭރިތަކުން ބަލަން ތިބޭނެއެވެ. އަދި ފުލުހުންނާއި ފްރޮގްމެންނާއި ސްނައިޕަރުން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެއެވެ.

އެތުލީޓުން ކޯރުގައި ދަތުރުކުރަމުންދާއިރު، ޑާންސަރުންނާއި، ޕޮޕް ސްޓާރުންނާއި، ވާމަތީ ހިނގާ މީހުންގެ އިތުރުން އެކްރޮބެޓުން ފެނުގައާއި ގޭގެ ފުރާޅުތަކުގައާއި ފާލަންތަކުގައާއި އާޓިފިޝަލް ރަށްތަކުގައި ޕޮންޓޫން އާއި ފްލޯޓިންގ ޕިއާނޯ އަދި ހެލިކޮޕްޓަރުތަކާއި ސަބްމެރިންގެ އެހީގައި ހައިރާންކުރަނިވި ގިނަ ހަރަކާތްތަކެއް ގެނެސްދޭނެ އެވެ. އަދި އެންމެ ފަހުން ގެނެސްދޭ ހަރަކާތެއްގެ ގޮތުގައި ފެނިގެންދާނީ އައިފަލް ޓަވަރުން ބޮޑު ލޭޒަރ ޝޯވ އެކެވެ.

މި ރަސްމިއްޔާތު ފެށިގެންދާނީ، 200 އަށްވުރެ ގިނަ ޤައުމުތަކުގެ އެތުލީޓުންގެ ވަފުދުތައް އޮލިމްޕިކް ވިލެޖުން ޕެރިހުގެ އިރުމަތީގައިވާ ސެއިން ކޯރުގެ ވަކި ހިސާބަކަށް ބަހުން ގެންދިއުމުންނެވެ. އެތަނުން އެމީހުން ޚާއްޞަކޮށް ހަދާފައިވާ ޕޮންޓޫންތަކުން ފްރާންސްގެ ސިފައިންގެ ބެލުމުގެ ދަށުން އުޅަނދުތަކަށް އަރާނެއެވެ.

އަދި، އޭގެފަހުން އެތުލީޓުންގެ ވަފުދުތައް ސެއިން ކޯރުގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރުކުރާނެއެވެ. މިގޮތުން ނޮޓްރެ ޑާމް ކެތީޑްރަލް އަދި ލޫވްރު ފަހަނައަޅައި އައިފަލް ޓަވަރާ ދިމާއަށް ދަތުރުކުރާނެއެވެ. އެގޮތުން، އެންމެ ކުރީގައި ދަތުރުކުރާނީ ގްރީސްގެ ފެޑެރޭޝަންގެ އުޅަނދެވެ. އޭގެ ފަހަތުން އޮލިމްޕިކް ރެފިއުޖީ ޓީމު، ދެން އެހެން ޤައުމުތަކުގެ އުޅަނދުފަހަރު ދަތުރުކުރުމަށްފަހު، އެންމެ ފަހަތުން ދަތުރުކުރާނީ ފްރާންސްގެ އެތުލީޓުން ތިބި އުޅަނދެވެ.

ޕެރިހުގައި މި ފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 10:30 ގައެވެ. ބެލެވޭގޮތުގައި މިރޭގެ މި ރަސްމިއްޔާތު ގާތްގަނޑަކަށް 1 ބިލިއަނަށް ވުރެ ގިނަ އަދަދެއްގެ މީހުން ޓީވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބަލާނެ އެވެ.

މިރޭގެ ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ޕެރިހާ ތަންކޮޅެއް ދުރު ހިސާބެއްގައި އެ ގައުމުގެ ހައި-ސްޕީޓް ޓީޖީވީ ރޭލް ނެޓްވޯކަށް އަމާޒުކޮށްދިން އަލިފާނުގެ ހަމަލާތަކާ ގުޅިގެން، ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހި އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިގެންދިޔަނަމަވެސް، ޕެރިސް 2024 އިން ވަނީ ކުރީން ރޭވިފައިވާ ގޮތަށް އެ ރަސްމިއްޔާތު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ.