ޚަބަރު

ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރަން ޗައިނާގެ ކުންފުންޏަކަށް


  • ހަކަތަ މެނޭޖުކުރާ ނިޒާމާއެކު ހަކަތަ އުފެއްދޭ މިންވަރު އިތުރުވާނެ

  • ފަށާތާ 4 މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމަންޖެހޭ

20 ރަށެއްގެ ސޯލާ ޕީވީ ނިޒާމުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރަން ޗައިނާގެ ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ސައިނޯޝޯ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާއިންވަނީ ސޮއިކޮށްފައެވެ.

ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމާ ބެހޭގޮތުން ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން 20 ރަށެއްގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ނުވަތަ ހަކަތަ މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތަ އުފައްދައި، ބޭނުންކުރެވޭ މިންވަރު އިތުރުކުރެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

20 ރަށުގެ ސޯލަރ ޕީވީ ނިޒާމުތަކުގައި ހަކަތަ މެނޭޖުކުރާ ނިޒާމު ޤާއިމްކުރުމަށް 1،166،582 އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހަކަތަ މެނޭޖްކުރާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިޤް އިބްރާހީމެވެ. އަދި ސައިނޯޝޯރ ހައިބުރިޑް ޓެކްނޮލޮޖީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ޖެނެރަލް މެނޭޖަރ ގޫ ޒެންޕެންގެވެ.

ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި ގޭބިސީތަކުން ކަރަންޓު ބިލަށްކުރާ ޚަރަދު ކުޑަކުރުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. ހަކަތަ މެނޭޖްކުރާ ނިޒާމު ޤާއިމްކުރުމަކީވެސް މިގޮތުން ކުރެވޭ މަސައްކަތެއްކަމަށް ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި 15 މެގަވޮޓް ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް މިހާރު ސަރުކާރުން ވަނީ އިޢުލާނުކުރައްވާފައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިޢަދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓަށް ބަދަލުކުރުމެވެ. މިހާތަނަށް ރާއްޖޭގައި 67.5 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ވަނީ ޤާއިމްކޮށްފައެވެ. މިއީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް 6 އިންސައްތައެވެ.