ޚަބަރު

ބޮޑު ޚަރަދުކޮށްގެން ބާއްވާ ބައި-އިލެކްޝަންތަކަށް ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތް!


  • އެވްރެޖުކޮށް ދާއިރާއަކަށް ބައި-އިލެކްޝަނެއްގައި 200،000 ރުފިޔާ ޚަރަދުކުރޭ

  • ޒުވާނުންގެ މެދުގައި ޝައުގުވެރިކަން ކުޑަ

ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުތަކުގެ މިނިވަންކަމާއި ސައްޙަކަން ކަށަވަރުކުރުމަށް ކޮންމެ އިންތިޚާބަކަށްވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރެއެވެ. އާންމު އިންތިޚާބުތަކުގައި ރައްޔިތުންގެ ފަރާތުން ތަރުހީބު ފެނުނު ނަމަވެސް ބައި-އިލެކްޝަންތަކުގައި އެ ތަރުހީބެއް ނުފެނެއެވެ.

މިހާރު ޤާނޫނު އޮންނަ ގޮތުން ކައުންސިލަރަކު ނުވަތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަނެއް ބާއްވަން ޖެހެއެވެ. ކޮންމެ އަހަރަކުވެސް އިލެކްޝަންސް ކޮމިޝަނުން ވަގުތާއި ބަޖެޓް އަދި ވަސީލަތްތައް ހުސްކުރަން ޖެހިފައިވަނީ މި އިންތިޚާބުތަކަށެވެ. މިއީ އެ ކޮމިޝަނުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި ކޮންމެ ދާއިރާއެއްގެ ބައި-އިލެކްޝަނަކަށް އެވްރެޖުކޮށް ދައުލަތުން 200،000 ރުފިޔާ ޚަރަދުކުރެއެވެ. މިއީ ރައްޔިތުންގެ ފައިސާއެވެ. ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް އެހެން ކަމަކަށްވެސް ބޭނުންކުރެވިދާނެ ފައިސާއެވެ. ނަމަވެސް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކޮންމެ ރައްޔިތަކަށް އެ ޙައްގު ކަށަވަރުކުރުމަށް އެ ފައިސާ ޚަރަދުކުރަންޖެހިފައިވަނީ ތަރުހީބު ކުޑަ ނަމަވެސް މި ބައި-އިލެކްޝަންތަކަށެވެ. އެހެންކަމުން ބައި އިލެކްޝަނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭނަމަ މި ފައިސާ ޚަރަދުކުރެވެނީ ބޭކާރު ގޮތުގައެވެ.

ބައި-އިލެކްޝަންތަކަށް ތަރުހީބު ކުޑަވީ ކީއްވެ؟

ރާއްޖޭގައި އިންތިޚާބުތަކުގައި އާންމުންގެ ތަރުހީބު ކުޑަވާ ސަބަބު ދެނެގަތުމަށް ތަޢުލީމީ ދިރާސާއެއް މިހާތަނަށް ހަދާފައިނުވެއެވެ. އެހެންވެ، ސީދާ އާންމުންގެ ޝައުގުވެރިކަން ކުޑަވާ ސަބަބު ދެނެގަނެވިފައި ނުވެއެވެ. ނަމަވެސް އާންމުންނާއި އިލެކްޝަންސް ކޮމިޝަންގެ ވާހަކަތަކުން ބައެއް ސަބަބުތައް ފާހަގަކުރެވެއެވެ.

ވޯޓުލާންދާން ރައްޔިތުން ބޭނުންނުވާ އެންމެ ބޮޑު އެއް ސަބަބުގެ ގޮތުގައި ފާހަގަކުރެވެނީ ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު ނެތުމެވެ. ރައްޔިތުން އުއްމީދުކުރާ ޚިދުމަތް ކައުންސިލްތަކަށް ނުދެވޭ ކަމަށާއި އަދިވެސް ގިނަ ކައުންސިލްތަކުން ކަންކަން ކުރާގޮތާއި ކަތީބުންގެ ޒަމާނުގައި ކަންކަންކުރަމުން އައިގޮތާ ތަފާތެއް ނުފެންނަ ކަމަށް ބައެއް ރައްޔިތުންނަށް ގަބޫލުކުރެވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް މިހާރު ގިނަ ބާރުތަކެއް ދީފައިވިނަމަވެސް އެ ބާރުތަކުގެ ބޭނުން ކުރަނީ މަދު ކައުންސިލަކުންނެވެ. ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކުދިކުދި ކަންކަމުގައި އަދިވެސް ފެނިގެންދަނީ ކުރިއެކޭ އެއްގޮތަށް ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވެގެންތިބޭ މަންޒަރެވެ. މީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދައުރު ނިމިގެންދާއިރުވެސް އޮންނަނީ ނުދެވިއެވެ.

މީގެ އިތުރުން އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީވެސް އެކަމަށް ރައްޔިތުންގެ އޮންނަ ޝައުގުވެރިކަން ކުޑަވާ ކަމެއް ކަމަށް ބެލެވެއެވެ. އަހަރަކު އެތައް ބައި-އިލެކްޝަނެއް ބޭއްވުމުން އެކަމަށް ވަގުތު ހުސްކުރަން ރައްޔިތުން ބޭނުންނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމު އޮތްގޮތުން އިންތިޚާބުތަކުގައި ތަރުހީބު ކުޑަވުމަކީ ވަރަށް ބޮޑު ކަންބުޑުވުމެެވެ.

"އެންމެ ކުޑަމިނުން ރަށްރަށުގައި ރައްޔިތުންގެ ކަންކަން ނިންމުމައްޓަކައި ރައްޔިތުންގެ ވޯޓުން ކައުންސިލަރުން ހޮވާއިރު، ޑަބްލިއުޑީސީ މެންބަރުން ހޮވާއިރު ރައްޔިތުންގެ ތެރެއިން އެކަށީގެންވާ އަދަދެއް ނުނުކުންނަކަމަށްވަންޏާ އެއީ ގޯސް ފާލެއް،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އޮތީ ކޮން ހައްލެއް؟

ހަސަން ވިދާޅުވިގޮތުގައި ގިނަ ރައްޔިތުންގެ ބަހަކާނުލައި މެންބަރުން އިންތިޚާބުވިނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ކަމުގައި އިލެކްޝަންސް ކޮމިޝަނަށްވެސް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންވެ އެކަން ކޮންމެހެން ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރެއްގެ ތެރޭގައި ގިނަ ބައި-އިލެކްޝަންތައް ބޭއްވުމުގެ ޙައްލެއް ކަމަށް ހަސަން ގަބޫލުކުރައްވަނީ އެ އިންތިޚާބުތައް ނުބޭއްވުމެވެ. އެގޮތުން، މެންބަރަކު އިސްތިއުފާ ދެއްވުމުންވެސް ކޯރަމް ހަމަވާނަމަ އިތުރު ބައި-އިލެކްޝަނެއް ބޭއްވުމުގެ ބޭނުމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަދުވާ މެންބަރަށްވެސް ޤާނޫނީގޮތުން ހައްލު ހޯދިދާނެކަން ހަސަން ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ބައެއް ތަންތާގައި އަމަލުކުރާ ގޮތެއް ކައުންސިލަރަކު އިސްތިއުފާ ދީފިކަމަށްވާނަމަ އިތުރު ބައި-އިލެކްޝަނަކަށް ނުގޮސް ދެން އެންމެ ގިނަ ވޯޓު ލިބޭ މީހަކު އަލުން މަގާމަށް އައްޔަން ކުރުން. އެއީ ޤާނޫނީގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސްކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ގެނެވިދާނެ ބަދަލެއް،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ވޯޓުލާ މީހުންގެ ނިސްބަތް އިތުރުކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަމުންނެވެ. އާންމުކޮށް އިންތިޚާބުތަކުގައި ޒުވާނުންގެ ފަރާތުން ޝައުގުވެރިކަން ކުޑަކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވޭތީ އެކަން ހައްލުކުރުމަށް ސްކޫލްތަކުގައި މޮކް އިންތިޚާބުތައް ބޭއްވިދާނެކަމަށް ހަސަން ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި އާންމުންގެ ޝައުގުވެރިކަން ކުޑަވަނީ ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ބައެއް ބޮޑެތި ޤައުމުތަކުގައިވެސް މިފަހަކަށް އައިސް އިންތިޚާބުތަކަށް އޮންނަ ޝައުގުވެރިކަން ވަނީ ކުޑަވެފައެވެ. މި ސަބަބުތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިކަމުގައިވާނަމަ އެކި މަގާމުތަކަށް ބޭފުޅުން އިންތިޚާބުވެގެންދާނީ ގިނަ ރައްޔިތުންގެ ބަހެއް ނެތިއެވެ.