ޚަބަރު

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް މިފަހަރުވެސް ދިވެހި ޕާސްޕޯޓް


  • ރާއްޖެ އޮތީ ދުނިޔޭގެ 52 ވަނައިގައި

  • ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓަކީ ސިންގަޕޫރު

ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް މިފަހަރުވެސް ދިވެހި ޕާސްޕޯޓް ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ވީޒާއަކާ ނުލައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓެކެވެ.

ދުނިޔޭގެ 227 ޤައުމެއް ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ 52 ވަނައިގައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 6 ދަރަޖައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި ލިސްޓުގައި ރާއްޖެ އޮތީ 58 ވަނައިގައެވެ.

ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން މިހާރު ވީޒާއަކާ ނުލައި 94 ޤައުމަށް ދަތުރުކުރެވެއެވެ.

މިސަރަޙައްދުގެ ދެވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓަކީ ވީޒާއަކާ ނުލައި 58 ޤައުމަކަށް ދަތުރުކުރެވޭ އިންޑިއާއެވެ. އެ ޤައުމު އޮތީ ދުނިޔޭގެ ލިސްޓުގެ 82 ވަނައިގައެވެ.

މިއަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ޤައުމުގެ ޕާސްޕޯޓު ބޭނުންކޮށްގެން ވީޒާއަކާ ނުލައި 195 ޤައުމަކަށް ދަތުރުކުރެވެއެވެ.

ހެންލީ އެންޑް ޕާޓްނަރސްއިން މި ލިސްޓު އާންމު ކުރަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭގެ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.