ޚަބަރު

ކުންފުނީގެ ތަޞައްވުރު މުވައްޒަފުންނަށް އެނގޭނަމަ ހިތްހަމަޖެހިގެން މަސައްކަތްކުރާނެ: ނާޒިމް


  • މަސައްކަތަކީ މާނަހުރި ކަމެއްކަން އެނގޭނަމަ، މުވައްޒަފުން ހިތްހަމަޖެހޭނެ

  • އެޗްއާރު ދާއިރާގެ މީހުންނަށް އެވޯޑު ވަނީ ދީފައި

  • ކޮންމެ ދެ އަހަރުން އެއް އަހަރު އެޗްއާރު އެވޯޑުދޭނެ

ކުންފުނީގެ ތަޞައްވުރު މުވައްޒަފުންނަށް އެނގޭނަމަ ހިތްހަމަޖެހިގެން މަސައްކަތްކުރާނެ ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، މާޕްއިން މިއަހަރު އަލަށް ދޭން ފެށި ހިއުމަން ރިސޯސަސް، އެޗްއާރު އެކްސެލެންސް އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ ކުންފުނިން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ކުންފުނީގެ ތަޞައްވުރު މުވައްޒަފުންނަށް އެނގޭނަމަ، މުވައްޒަފުން މަސައްކަތަށް ދޭ ސަމާލުކަމާއި އަހަންމިއްޔަތު އިތުރުވާނެ ކަމަށެވެ. އަދި މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ކުންފުނީގެ ތަޞައްވުރާއި އަމާޒު މުވައްޒަފުންނަށް ކިޔައިދިނުމަކީ އެޗްއާރުގައި މަސައްކަތްކުރާ މީހުންގެ ޒިންމާއެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ދިރާސާތަކުން ދައްކާގޮތުން ކުރާ މަސައްކަތަކީ މާނަހުރިކަމެއްކަން މުވައްޒަފުންނަށް އެނގޭނަމަ، މަސައްކަތުގެ ހިތްހަމަޖެހުން 33 އިންސައްތައަށް އުފުލޭ ކަމަށެވެ. އަދި މީހުން ވަޒީފާއިން ވަކިވާ މިންވަރުވެސް 50 އިންސައްތަ ދަށްކުރެވޭނެކަން ދިރާސާތަކުން ހާމަވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"ހިއުމަން ރިސޯސް، އެޗްއާރަކީ ކުންފުންޏެއް ކުރިއަރާ ދިއުމުގައި ވަރަށް މުހިންމު ޑިޕާޓްމަންޓެއް. ކުންފުނީގެ ލަނޑުދަނޑިތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް އެޗްއާރު ޑިޕާޓްމަންޓުން މަސައްކަތް ކުރަންޖެހޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިދޭން ފެށި އެވޯޑުތަކާއެކު އިންސާނީ ވަޞީލަތް ތަމްރީންކުރުމާއި މެނޭޖްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ކުރިއަރާ ދާން އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، މާޕްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ އެޗްއާރު އެކްސެލެންސް އެވޯޑު ދިނުމުގެ މަޤުޞަދަކީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ކުރިއަރާ ދިއުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި އަލަށް އެޗްއާރުގެ ދާއިރާއަށް ނުކުންނަ ކުދިންނަށް ދާއިރާގެ މުހިންމުކަން އަންގައިދިނުމަކީވެސް އެވޯޑު ދިނުމުގެ ބޭނުމެއްކަމަށް އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.

"މި އެވޯޑު ދިނުމުގެ ވަރަށް މުހިންމު މަޤުޞަދެއް މިއީ އުފާވެރި ވަޒީފާގެ މާޙައުލެއް ޤާއިމްކުރުމަށް މަސައްކަތްކުރާ މީހުންގެ އަގުވަޒަންކުރުމަކީވެސް." މާޕްގެ ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރި މާޕްގެ އެޗްއާރު އެކްސެލެންސް އެވޯޑު ދީފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ކުންފުނިތަކަށްދޭ އެވޯޑުތަކާއި އަމިއްލަ ފަރާތްތަކަށްދޭ އެވޯޑުތަކެވެ.

ކުންފުނިތަކަށް ދިން އެވޯޑުތައް:

• އެކްސެލެންސް އިން އެޗްއާރު އިނޮވޭޝަން / ދި ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު
• އެކްސެލެންސް އިން ވަރކް ޕްލޭސް ކަލްޗަރ / ޓޯޓަލް ޓްރާންސްޕޯޓްސް ސޮލިޔުޝަންސް މޯލްޑިވްސް
• އެކްސެލެންސް އިން ޓެލެންޓް ޑިވެލޮޕްމެންޓް / ކޮންސްޓަންސް މޫފުށި މޯލްޑިވްސް
• އެކްސެލެންސް އިން އެމްޕްލޯއީ ވެލްނަސް އިން ވެލްބީން / ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން
• އެކްސެލެންސް އިން ޑައިވަރސިޓީ އިކުއިޓީ އެންޑް އިންކްލޫޝަން / މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ
• އެކްސެލެންސް އިން އެޗްއާރު ޓެކް / މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ
• މޯސްޓް ޕީޕަލްސް ފޯކަސްޑް ލީޑަރ އެވޯޑު / ބޮމްބޭސް ޕްރައިވެޓް ލިމިޓެޑް

އަމިއްލަ ފަރާތްތަކަށް ޚާއްސަކޮށްގެން 3 އެވޯޑެއް ދީފައިވެއެވެ. އެއީ އައުޓްސްޓޭޑިން އެޗްއާރު ލީޑަރ އޮފް ދަ އިޔަރ، އެމަރޖިން އެޗްއާރު ލީޑަރސް، އެކްސެލެންސް އިން ވުމަން އެޗްއާރު ލީޑަރޝިޕް އެވޯޑެވެ.

މާޕުން މަޢުލޫމާތުދޭ ގޮތުގައި އެ އެސޯސިއޭޝަންގެ އަމާޒަކީ ކޮންމެ ދެ އަހަރުން އެއް އަހަރު މި އެވޯޑު ދިނުމެވެ. މީގެ ކުރިންވެސް އެޗްއާރު އެވޯޑުގެ ނަމުގައި މާޕުން އެވޯޑުތަކެއް ދިނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް، މާޕްއަކީ ރާއްޖޭގެ އެޗްއާރު ދާއިރާ ކުރިއަރުވައި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އެގޮތުން ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ ނަމުގައި އެޗްއާރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ ބޮޑު އެއްވުމެއް ކޮންމެ އަހަރަކުވެސް ބާއްވައެވެ. މި ޖަމްޢިއްޔާ އުފެދުނީ 2018 ވަނަ އަހަރުއެވެ.