ޚަބަރު

އެމްޑީޕީގެ ނައިބު ރައީސަކަށް ހިސާން އައްޔަންކޮށްފި


  • ހިސާން އެ މަޤާމަށް އައްޔަންކުރަން ހުށައެޅުއްވީ އެމްޑީޕީގެ ރައީސް

އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަޤާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ޙުސައިން ޢައްޔަންކުރަން އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ހިސާން އެ މަޤާމަށް އައްޔަންކުރަން ފާސްވީ ޤައުމީ މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުންނެވެ.

އެމްޑީޕީގެ ގަވާއިދުގައިވާގޮތުން އެޕާޓީގެ ނައިބު ރައީސް އައްޔަންކުރާނީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޤައުމީ މަޖިލީހުންނެވެ. އެގޮތުން ހިސާން އެމަޤާމަށް އައްޔަންކުރެއްވުމަށް ޤައުމީ މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދެވެ. ހިސާން އެ މަޤާމަށް ޢައްޔަންވުމާއި ގުޅިގެން އެމްޑީޕީގެ ލީޑާރޝިޕުންވަނީ އެކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީއަށާއި، އެޕާޓީގެ މެންބަރުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ހިސާން ކުރައްވާފައިވާ ކަމަށެވެ. އަދި ހިސާނަކީ ނައިބު ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅާކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑާރޝިޕްގައި މިވަގުތު އަންހެނުން މަދުވުމަކީވެސް ނައިބު ރައީސަކަށް ހިސާން އައްޔަން ކުރުމަށް ނިންމެވި ސަބަބެއް ކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ހިސާން ވަނީ ތުޅާދޫ ދާއިރާގެ މެންބަރުކަމުގެ އިތުރުން ޖޭއެސްސީގެ ރައީސްކަންވެސް ކުރައްވާފައެވެ.