ޚަބަރު

ޤާނޫނާއި ޤަވާއިދަށް ނޫއުޅުމުގެ ސަގާފަތެއް އެބައޮތް، އެކަން ނައްތާލާނަން: ދާޚިލީ ވަޒީރު


  • ޢާންމުންނަށް އުނދަގޫވާގޮތަށް ހުރި އުޅަނދުތައް ޓޯވކުރާނެ

  • އަޑުގަދަވާގޮތަށް އުޅަނދު ދުއްވުން ހުއްޓުވާނެ

  • ޤަވާއިދާ ޚިލާފުވާ މީހުނަށް ހަރުކަށި ފިޔަވަޅުއަޅާނެ

ޒަމާނުއްސުރެ ޤާނޫނާއި ޤަވާއިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތްކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެދަށުން އެ ސަގާފަތް ނައްތާލާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހަމައެއްނެތި މާލެ ސަރަހައްދުގައި ޓްރެފިކް ތޮއްޖެހޭގޮތަށް އުޅަނދުތައް އެތެރެކޮށް ޕާކްކުރުން ނިމުމަކަށް ގެނެސް ރައްކާތެރި މާހައުލެއް ޤާއުމްކޮށްދިނުމަށް "މާލެ ފަހި" ނަމުގައި ފެށި ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާޚިލީ ސަމާލަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ޤާނޫނަށް ގެންނަ ބަދަލުތައް "ތުނޑުން ތުނޑަށް" ތަންފީޒްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. މިގޮތުން ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޓްރެފިކް ޕޮލިސް އަލުން އުފައްދައި ޓްރެފިކާ ގުޅުންހުރި މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދަތުރުފަތުރާބެހޭ ވުޒާރާގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރަމުން އައި ޕޯޓަލްގެ ބޭރުން ޤަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރާ ފަރާތްތައް ހޯދައި ޤާނޫނުގެތެރެއިން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އިޙްސާން ވިދާޅުވީ، ޢާންމުންނަށް އުނދަގޫވާނެހެން މާލޭގައި ޕާކްކުރަމުންދާދިއުން ހައްލުކުރަންޖެހޭކަމަށެވެ. މިކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މާލެ ސަރަޙާއްދުގެ ޓްރެފިކް ތޮއްޖެހުން ސަލާމަތްވަންދެން ޤަވާއިދާ ޚިލާފަށް ޢާންމުންނަށް އުނދަގޫވާގޮތަށް ޕާކްކުރާ އުޅަނދުތައް ޓޯވކުރަމުން ގެންދާނެކަމަށެވެ.

"އަޅުގަނޑަށްވެސް ފަސޭހައީ ހޮސްޕިޓަލަށްގޮސް ޑޮކްޓަރު ބަލާ އެނދު ކައިރީގައި ޕާކްކޮށްލާފަ ޚިދުމަތް ހޯދަން. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަގީގަތަކީ މިސާލަކަށް އޭޑީކޭ ހޮސްޕިޓަލަށް ބަލާނަމަ ހޮސްޕިޓަލުގެ ދޮރުން ފެށިގެން ގާތްގަނޑަކަށް ފަންސާހަކަށް މީޓަރަށް ޖެހިލާއިރު ބޮޑު ޕާކިން ޒޯނެއްވެސް އެބައިން. ނަމަވެސް އަޅުގަނޑުމެންނަށް ހޮސްޕިޓަލް ކުރިމަތީގައިވެސް ޕާކްކުރެވޭއެބަ. އަޅުގަނޑުމެން މިހާރު ރައީސްގެ ޚާއްޞަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގައާއި، ސްކޫލްތަކުގެ ކައިރިއާއި، ހޮސްޕިޓަލްތަކުގެ ކައިރިއާ މިސްކިތްތަކަށް ވަންނަހުރި ތަންތަނަށް ވަންނަހުރި ވެހިކަލްތައް މިދަނީ ޓޯވކުރަމުން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ މަގުތަކުން ގެތަކަށް ވަދެވޭނެ ޚާއްޞަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައްވެސް ޓޯވްކުރަމުންގެންދާކަމަށެވެ. އަދި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިއްޔެވެސް ފާހަގަވި މީގެ ވެހިކަލެއްގެ ފުރާ ބަނގުރާ ރައްކާކޮށްގެން އޭގެ ވިޔަފާރިވެސް ކުރަމުންދާކަން. މިފަދަ ކަންކަމަށް އަޅުގަނޑުމެން އެއްވެސްވަރަކަށް ޓޮލެރޭޓްނުކޮށް ރާއްޖާގައި މިދެންނެވި ބީދައިން ތަންފީޒްކުރެވޭނެ." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އުޅަނދުތަކުގައި ފޭކް ނަންބަރު ބޯޑު ޖަހައިގެން ދުއްވުމާއި، އަޑުގަދަވާގޮތަށް ސައިކަލުގެ ސައިލެންސަރު މޮޑިފައިކޮށްގެން ދުއްވާ ދުއްވުންވެސް ހުއްޓުވާނެކަމަށެވެ. ޤާނޫނާ ޤަވާއިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ސަގާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށެވެ. ވުމާއެކު ކަމާގުޅުންހުރި އިދާރާތައް ގުޅިގެން އެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ވަނީ "މާލެ ފަހި" ޕްރޮގްރާމުގައި ހިމެނޭ ކަންކަން ތަންފީޒްކޮށް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.