ޚަބަރު

ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދޭނަން: ޝިޔާމް


  • 5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ވަނީ ފަށާފައި

ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު މިހެން ވިދާޅުވީ 5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަދައްކަވަމުންނެވެ.

5 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ކަނޑުގެ ވަޞީލަތްތައް ދިރުވާ، އެއިން މަންފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަޞީލަތްތަކާ ބެހޭގޮތުން ކުރެވޭ ދިރާސާތައް އިތުރުކޮށް، ދިރާސާވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދިރާސާ ކުރެވޭނެ މަގުފަހިކޮށްދެއްވުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކަނޑުތަކާބެހޭ ދިރާސާތައް ކުރިއަށްގެންދާއިރު ރާއްޖޭގައި އެފަދަ ދިރާސާތައް ހެދުމަށް އޮންނަ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިރާސާތައް ކުރިއަށްގެންދިއުމަށްވެސް އެދިވަޑައިގެންފައެވެ.

"ގަވައިދުތަކާ އެއްގޮތަށް ދިރާސާތައް ކުރިއަށްގެންދިޔުމުން ކަނޑުގެ ވަޞީލަތްތަކުން ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ހަދާ ސްޓްރެޓީޖިކް ޕްލޭންތަކަށް މަންފާ ކުރާނީ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަޞީލަތްތައް ރައްކާތެރިކޮށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީވެސް އޭރުން." ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 5 ވަނަ މެރިން ސިމްޕޯސިއަމްއާއެކު ކަނޑުގެ ވަޞީލަތްތަކާ ބެހޭގޮތުން ދިރާސާކުރާ ދިވެހި ސައިންސްވެރިންނާއި ބޭރުގެ ސައިންސްވެރިންނާ ބައްދަލުވެ، ގިނަ ތަޖުރިބާތަކެއް ލިިބިގެންދާނެކަމަށެވެ.

މެރިން ސައިންސް ސިމްޕޯސިއަމްއަކީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، އެމްއެމްއާރުއައިއިން އިސްނަގައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސިމްޕޯސިއަމެކެވެ.

މި ސިމްޕޯސިއަމްގައި ދިވެހި ސައިންސްވެރިންގެ އިތުރުން ބޭރުގެ ސައިންސްވެރިން ބައިވެރިވެ، ދިރާސީ ކަރުދާސްތައް ހުށަހަޅާނެއެވެ. އެގޮތުން މިފަހަރު 92 ދިރާސީ ކަރުދާސް ލިބިފައިވާކަމަށް އެމްއެމްއާރުއައިއިން މަޢުލޫމާތު ދެއްވައެވެ.

މިފަހަރުގެ ސިމްޕޯސިއަމް ކުރިއަށްދާނީ މިމަހުގެ 24 އިން 25 އަށެވެ.

މިފަހަރުގެ ސިމްޕޯސިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި 1984 އުފެދުނު މެރިން ރިސަރޗް އިންސްޓިޓިއުޓަށް 40 އަހަރު ފުރުންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކަނޑުގެ ދިރުންތަކާއި ވަޞީލަތްތަލާއި ފަޅުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ބުލެޓިންއެއްވެސް ވަނީ ނެރެފައެވެ. މި ބުލެޓިން ނެރެދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.