ޚަބަރު

ލަންކާ ބަލިކޮށް ކާވާގެ 20 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ކިރްގިސްތާނަށް


ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާނުން ހޯދާފައިވަނީ ފައިނަލުގައި ރޭންކިންގެ އެއްވަނަ މަގާމާއެކު ފައިނަލަށް ދަތުރުކުރި ލަންކާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.

މި ދެޓީމު ވަނީ މުބާރާތުގައި ފައިނަލުގެ ކުރިން ވާދަކޮށްފައެވެ. އެ މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުން ލަންކާ ކާމިޔާބުކުރި ނަމަވެސް ފައިނަލް މެޗުގައި ކިރްގިސްތާނު ފެނުނީ ހުރިހާ ގޮތަކުންވެސް ވަރުގަދަކޮށެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކިރްގިސްތާނުން ލީޑުކުރަމުން ދަނިކޮށް ސެޓުގެ ފަހު ވަގުތު ލަންކާއިން އިން ވަނީ ފަހަތުން އަރާ ކިރްގިސްތާނާ އެއްވަރުކޮށްފައެވެ. މީގެ އިތުރުން ލަންކާއަށް މި ސެޓު ކާމިޔާބުކުރުމަށް ދެފަހަރު ފުރުސަތު ލިބުނެވެ. ނަމަވެސް ސެޓުގެ އެންމެ ފަހު ދެ ޕޮއިންޓް ކިރްގިސްތާނުން ހޯދާ 26-28ގެ ނަތީޖާއަކުން ކިރްގިސްތާނު ވަނީ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓުވެސް ރަނގަޅަށް ފެށީ ކިރްގިސްތާނުންނެވެ. މި ސެޓު ފަށައިގެންވެސް ކިރްގިސްތާނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ލަންކާއިން ވަރަށް ބޮޑަށް ހިތްވަރުކުރި ނަމަވެސް ކިރްގިސްތާނުގެ ބްލޮކުތަކާއި އެޓޭކުތައް ހުއްޓުވޭގޮތެއް ނުވިއެވެ. މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-17 އިންނެވެ. ތިންވަނަ ސެޓު 19-25 ގެ ނަތީޖާއަކުން ކިރްގިސްތާނު ކާމިޔާބުކުރިއިރު، މި ސެޓުގައިވެސް ލަންކާއަށް މޮޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ޑްރީމް ޓީމު ވަނީ ހޮވާފައެވެ. ޑްރީމް ޓީމުގައި ހިމެނެނީ ކިރްގިސްތާނުގެ ރޯޒާ، ސްރީ ލަންކާގެ ޗަތުރި، ކިރްގިސްތާނުގެ ސައިކަލް، ލަންކާގެ ސެސަންދީ ރުވަންޔާ، ކިރްގިސްތާނުގެ އައިތުރްގަން، އަދި ސްރީ ލަންކާގެ ލޮކޫ ވިޖެސިންގަލަގާއެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ކިރްގިސްތާނުގެ ރޯޒާއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ދިވެހިރާއްޖެއެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަކީ ނޭޕާލެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މީގެއިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އަދި ސްޕޮންސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.