ޚަބަރު

ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ބޭނުންތެރިކަމެއް: ވަޒީރު


  • ތެޔޮ އިމްޕޯޓް ކުރުމަށް އަހަރަކު ޖީޑީޕީގެ ގާތްގަނޑަކަށް 13.5 އިންސައްތަ ހަރަދުކުރޭ

  • އިމްޕޯޓު ކުރާތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ

ގައުމުގެ މާލިއްޔަތަށް އޮތް ބުރަ ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ތ. އަތޮޅުގެ 12 ރަށެއްގައި ގާއިމް ކުރި އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕަވަރސިސްޓަމްތައް ގާއިމްކޮށް އެމަސައްކަތް އިފްތިތާހުކުުރުމަށް ތ. ކިނބިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އިރުގެ އަލިން ހަކަތަ އުފައްދާ 65 މެގަވޮޓުގެ ނިޒާމުތައް ޤާއިމުކޮށްފައިވީ ނަމަވެސް، އިމްޕޯޓު ކުރާތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭކަމަށެވެ. އެގޮތުން ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް އަވަސްބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ކަރަންޓް އުފެއްދުމާއި ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައި މިވަނީ އިމްޕޯޓްކުރާ ތެލަށްކަމަށެވެ. އެގޮތުން ތެޔޮ އިމްޕޯޓް ކުރުމަށް އަހަރަކު ޖީޑީޕީގެގާތްގަނޑަކަށް 13.5 އިންސައްތަ ހަރަދުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ތެލުގެ ޚަރަދު ބޮޑުވުމުން ގައުމުގެ މާލިއްޔަތަށް ހުރި ދަތިތައް ހައްލުކުރުމަށް ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.

"ޤައުމަށްބޭނުންވާ ކަރަންޓުގެ %33 ކުރިއަށް އޮތް ފަސް އަހަރުގެތެރޭގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެ ގޮތަށް ތަރައްޤީ ކުރުމަށް ރައީސްޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައި. މިވަގުތުއިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރަކީ ގާތްގަނޑަކަށް 5 އިންސައްތަ" ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ސަރުކާރުން ވަނީ 2023 ވަނަ އަހަރު އާ މަޝްރޫއެއްގެ ގޮތުގައި އެކްސެލެރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫޒިންގ ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓް، ފަށާފައިކަމަށެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިނަވަރު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެތެރެއަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުންކަމަށެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގަ މީހުން ދިރިއުޅޭ 20 ރަށެއްގައި 20 މެގަވޮޓުގެ ސޯލާ ޕީވީ އާއި 40 މެގަވޮޓް އަވަރގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރެވިގެން ދާނެކަމަށެވެ. މީގެ އިތުރުން ވަޔާއިކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން ހަކަތަ އުފައްދާ ނިޒާމުތައް ބޭނުންކޮށްގެން އަޖުމަ ބެލުމުގެ މަސައްކަތްތަކެއްވެސް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާއިރުޝާދާއި މި ދާއިރާއަށް ދެއްވާ ޚާއްޞަ ސަމާލުކަމަކީ ފާހަގަކޮށްލަން ޖެހޭ ކަމެއްކަމަށެވެ.