ޚަބަރު

މެކްސިކޯގެ ކޯޗުގެ މަގާމާ ތިންވަނަ ފަހަރަށް އަގީރޭ ހަވާލުވެއްޖެ


ހުސްވެފައިވާ މެކްސިކޯގެ ކޯޗުގެ މަގާމަށް ހަވިއޭ އަގީރޭ ހަމަޖައްސާފައިވާކަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަކޮށްފިއެވެ.

މިއީ އުމުރުން 65 އަހަރުގެ އަގީރޭ، މެކްސިކޯގެ ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ.

މެކްސިކޯގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން، ނިމުނު ކޮޕަ އެމެރިކާގައި މެކްސިކޯ އަށް ކުރިމަތިވީ ނާކާމިޔާބީގެ ސަބަބުން އޭރުގެ ކޯޗު، ހައިމޭ ލޮޒާނޯ މަގާމުން ދުރުކުރުމުންނެވެ. އެ މުބާރާތުގައި މެކްސިކޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އަގީރޭގެ އިރުޝާދުގެ ދަށުން މެކްސިކޯ އިން ވަނީ، 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. އަދި އޭގެފަހުން، ދެވަނަ ފަހަރަށް ހަވާލުވެ، އޭނާ ވަނީ އެ ޓީމު ގޮވައިގެން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދަތުރުކޮށް، 2009 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ކުރީ ދެ ފަހަރު އަގީރޭގެ އިރުޝާދުގެ ދަށުން މެކްސިކޯ ކުޅުނު 61 މެޗުގެ ތެރެއިން 38 މެޗު ކާމިޔާބުކޮށްފައިވާއިރު، ބަލިވީ 12 މެޗުންނެވެ. އަނެއް 11 މެޗުން ވީ އެއްވަރެވެ. މިއީ މިހާ މަދު އަދަދެއްގެ މެޗުތަކަކާ އަޅާބަލާއިރު އެ ގައުމުގެ ފުޓްބޯޅައިގައި ރެކޯޑެކެވެ.

އަގީރޭގެ ކޯޗިންގ ޓީމު ވަރުގަދަކުރުމުގެ ގޮތުން ވަނީ، އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކުރީން ގައުމީ ޓީމަށާއި ބާސެލޯނާ އަށް ކުޅެފައިވާ އިތުބާރު ޑިފެންޑަރު، ރަފައެލް މާކޭޒް ގެނެސްފައެވެ. އޭނާ މިހާތަނަށް ހުރީ ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައެވެ.

މެކްސިކޯ އިން އަގީރޭ، ތިންވަނަ ފަހަރަށް ގެނައުމުގެ ބޭނުމަކީ 2026 ވަނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ހިމެނޭ ގޮތަށް ބާއްވާ ވޯލްޑް ކަޕަށް ފުރިހަމަ އަށް ތައްޔާރުވެ، ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަމާޒަށް ވާސިލްވުމުގެ ގޮތުންނެވެ.