ޚަބަރު

އޮނާނާ ވިލާއަށް ސޮއިކޮށްފި


އެވަޓަން އަށް ކުޅެމުންއައި ބެލްޖިއަމްގެ ޑިފެންސިވް މިޑްފީލްޑަރު، އަމަޑޫ އޮނާނާ، އެސްޓަން ވިލާ އަށް ސޮއިކޮށްފިއެވެ.

އޮނާނާ، 22، ވިލާ އަށް ބަދަލުވެފައިވާކަން އެ ދެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޮނާނާ ގަތުމަށް ވިލާ އިން ވަނީ އެވަޓަނަށް ގާތްގަނޑަކަށް 50 މިލިއަން ޕައުންޑް ދައްކާފައެވެ.

ސެނެގޯލްގެ ޑާކާ އަށް އުފަން، އޮނާނާގެ ކެރިއަރު ފެށީ ޖަރުމަނުގެ ހެމްބާގުންނެވެ. އޭގެފަހުން، ފްރެންޗް ކްލަބު ލިއްލެ އަށް ބަދަލުވުމަށްފަހު، އޮނާނާގެ ވިދުން ގަދަވީ 2022 ވަނަ އަހަރު އެވަޓަން އަށް ބަދަލުވި ހިސާބުންނެވެ. އެ ޓީމަށް އޭނާ ވަނީ 75 މެޗު ކުޅެދީފައެވެ.

އެންމެ ފަހުގެ ޔޫރޯގައި ބެލްޖިއަމް ޓީމަށް ހުރިހާ މެޗެއްގައި ކުޅެފައިވާ އޮނާނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 17 މެޗު ހަމަކޮށްފައެވެ.

އޮނާނާ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ވިލާ އަށް ގެނައި އަށްވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން މިހާތަނަށް ގެނައި ކުޅުންތެރިންގެ ތެރޭގައި، ޗެލްސީން ގަތް ފުލްބެކް، އިއާން މާޓްސެން އާއި ޝެފީލްޑް ޔުނައިޓެޑުން ގެނައި ފޯވާޑް، ކެމަރަން އާޗާގެ އިތުރުން ޔުވެންޓަސް އިން ގެނައި ސެމުއެލް އިލިންގް-ޖޫނިއާ ހިމެނެއެވެ.