ޚަބަރު

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާނެ


  • 70 ފަރާތަކީ 43 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުން

  • މިނިވަން ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާޠަބު ކުރައްވާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މިޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު ލިބޭ 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.

މިއަހަރު މި އިނާމް ލިބިވަޑައިގަންނަވާ ބޭފުޅުންގެތެރޭގައި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުންގެ ނަންތައް ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް ފޮނުއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބޭފުޅުންނަށް މި އިނާމު ދެއްވާނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި،
ޖުލައި 26 ވާ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޤައުމާއި މުޚާޠަބު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. އަދި ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް މިއިނާމު އަރުއްވާގޮތަށްވަނީ ހަމަޖައްސަވާފައެވެ.

45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު މިއިނާމުވަނީ އަރުވާފައެވެ. މިއަހަރު މިއިނާމު ދޭން ރައީސުލްޖުމުހޫރިއްޔާ ނިންމަވާފައިވަނީ 43 އަހަރަށް ވުރެ ގިނަ އަހަރު ދައުލަތައް ޚިދުމަތް ކުރެއްވި ފަރާތްތަކަށެވެ.