ޚަބަރު

ޕޮލިސް މެމޯރިއަލް ޑޭ: ޚިދުމަތުގައި ނިޔާވި ފުލުހުންގެ އަގުވަޒަންކުރާ ދުވަސް


  • މިދުވަސް ފާހަގަކުރަނީ ސާޖަންޓް ޙަލީމު ޑިއުޓީގައި ޝަހީދުވި ހާދިސާއާ ގުޅިގެން

  • މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައިވޭ

މިއަދަކީ ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭއެވެ.
މި ދުވަސް ފާހަގަކުރަނީ ދިވެހި ފުލުހުންގެ ތެރެއިން ޑިއުޓީގައި ނިޔާވާ ނުވަތަ ދެކޮޅުވެރި ޙަމަލާއެއްގެ ސަބަބުން ޝަހީދުވާ ފުލުހުންގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

ޕޮލިސް މެމޯރިއަލް ޑޭ ރަސްމީކޮށް ފާހަގަކުރަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ.

ޕޮލިސް މެމޯރިއަލް ޑޭ އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ހުއްޓައި ދިން ނުރައްކާތެރި ޙަމަލާއެއްގައި 2012 ވަނަ އަހަރު ޖުލައިމަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމުގެ ހަނދާނުގައެވެ.

އާދަމް ޙަލީމް ޝަހީދުވެފައިވަނީ އޭނާގެ ރަށް، ކ. ކާށިދޫގައި ރަސްމީ ޑިއުޓީގައި ހުއްޓާ ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ޤާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުންނެވެ.

ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ހާދިސާއަށެވެ. މިއީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހާދިސާއެކެވެ. ޝަހީދު އާދަމް ޙަލީމުގެ ޤުރުބާނީއަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދެއްކި މަތިވެރި ނަމޫނާއެކެވެ.

ދިވެހި ފުލުހުންގެ މެމޯރިއަލް ދުވަސް މިދުވަހާ ގުޅިގެން ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސެވީ އާދަމް ޙަލީމް ޝަހީދުވި ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށްވާތީއެވެ.

މެމޯރިއަލް ޑޭ މިއަދު ފާހަގަކުރާއިރު ދިވެހި ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ނިޔާވި ބައެއް ފުލުހުންގެ މަތިން ހަނދާންކުރަންޖެހެއެވެ. އެގޮތުން ޑިއުޓީގައި ނިޔާވި ބައެއް ފުލުހުންގެ ތެރޭގައި ކ. ކާށިދޫ، ކެތި ޕޮލިސް ސަރޖަންޓް ޢާދަމް ޙަލީމާއި ބ. ހިތާދޫ، ނަސީމީވިލާ ޕޮލިސް ކޯޕްރަލް މިސްބާޙް ޢަބްދުﷲއާއި ވ. ރަކީދޫ، ނަރުގިސްވިލާ ޕޮލިސް ކޮންސްޓަބަލް ޔޫސުފު ޒަމީރާއި ލ. ފޮނަދޫ، ޗާނދަނީމާގެ ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޡިމްގެ އިތުރުން ޕޮލިސް ކޯޕްރަލް އަޙްމަދު ވިފާޤް ހިމެނެއެވެ.

މިއަހަރުގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކޮށްފައިވެއެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ދުވަހާ ގުޅިގެން ޚާއްސަ ދުއާއެއް ކުރުމާއި އެ ފުލުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.