މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު ނަންފުޅު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
އެނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު މިހާރު ހުންނެވީ މާލީ ވަޒީރު އެޑްވައިޒަރުގެ ގޮތުގައެވެ. މުނައްވަރު ވަނީ އެމްއެމްއޭގައިވެސް ޚިދުމަތް ކުރައްވާފައެވެ. ގަވަރުނަރުގެ މަޤާމަށް މުނައްވަރު ޢައްޔަންކުރައްވަނީ ވަޒީރުންގެ ފެންވަރުގައެވެ.
ގަވަރުނަރުކަމަށް މުނައްވަރު އައްޔަން ކުރެއްވުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމަށް ނިންމެވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ހާޝިމް ވަކިކުރެއްވުމަށްފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ގަވަރުނަރުގެ މަގާމުން ޢަލީ ހާޝިމް ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނަށް އެގޮތަށް ލަފާއެރުވުމުންނެވެ. މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ބުނެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުޞަތު 3 ފަހަރެއްގެ މަތިން އަލީ ހާޝިމަށް ދެއްވި ނަމަވެސް މާލިއްޔަތު ކޮމިޓީއަށް އޭނާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އެމްއެމްއޭގެ ޤާނޫނުގައިވާ ގޮތުން ގަވަރުނަރު އައްޔަންކުރެއްވުމާއި ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.