ޚަބަރު

އަލް-ޝަބާބް ދޫކޮށްލުމަށްފަހު، ރަކިޓިޗް އެނބުރި ކްރޮއޭޝިއާ އަށް


ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، އިވާން ރަކިޓިޗް ކުޅެމުންއައި ސައުދީ އަރަބިއްޔާގެ، އަލް-ޝަބާބްގެ ދޫކޮށްލުމަށްފަހު ހަޖުކް ސްޕްލިޓް އަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ރަކިޓިޗް، 36، ވަނީ ހަ މަސްދުވަހަށް ފަހު އަލް-ޝަބާބް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ދެ ފަރާތް އެއްބަސްވެ، އުވާލައިފައެވެ.

އަލް-ޝަބާބް އިން ނެރުނު ބަޔާނެއްގައިވަނީ، އެ ކްލަބުގެ މެނޭޖްމަންޓާއި، ރަކިޓިޗް އެއްބަސްވެ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާކަމަށް ބުނެފައެވެ.

ކުރީން، ބާސެލޯނާ އާއި ސެވިއްޔާ އަށް ކުޅެފައިވާ ރަކިޓިޗް އެނބުރި ކްރޮއޭޝިއާ އަށް ގޮސް، ހަޖުކް ސްޕްލިޓްއާ ގުޅުނުކަން އެ ކްލަބުން އާދީއްތަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން، ރަކިޓިޗް އެ ޓީމާ ގުޅެނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި ކޮންޓްރެކްޓްގައިވާގޮތުން އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރުމުގެ އިހުތިޔާރު ހަޖުކް ސްޕްލިޓް އަށް ލިބިގެންވެއެވެ.

ސްވިޒަލެންޑަށް އުފަން، ރަކިޓިޗް ވަނީ އޭނާގެ ކެރިއަރުގައި ކްރޮއޭޝިއާގެ ގައުމީ ޓީމަށް 106 މެޗު ކުޅެދީ، 15 ލަނޑުޖަހައިފައެވެ. އޭނާ ވަނީ އެ ޓީމުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދިއިރު އިސްދައުރެއް އަދާކޮށްފައެވެ.