ޚަބަރު

ވީޑާ، ކްރޮއޭޝިއާ އަށް ކުޅުން ހުއްޓާލައިފި


ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޮމަގޯޖް ވީޑާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ކުރީން، ޖަރުމަނުގެ ބަޔާ ލެވަކޫސަނާއި، ތުރުކީގެ ބެސިކްޓާސް އަށް ކުޅެފައިވާ ތަޖުރިބާކާރު ސެންޓްރަލް ޑިފެންޑަރު ކުޅުން ހުއްޓާލިކަން ކްރޮއޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢްލާންކުރުމުގެ ގޮތުން، ވީޑާ ނެރުނު ބަޔާނެއްގައިވަނީ، ދުނިޔޭގައި އޮތް އެންމެ ރީތި ގައުމީ ޖާޒީ ލުމުގެ ފުރުޞަތު ލިބިގެންދިއުމަކީ ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ވީޑާ، 35، ވަނީ މިދިޔަ 14 އަހަރު މެދުކެނޑުމެއްނެތި ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅެންފެށީ 2010 ވަނަ އަހަރުގައެވެ. މި މުއްދަތުގެ ތެރޭގައި ވަނީ ގައުމީ ޓީމަށް 105 މެޗު ހަމަކޮށްފައެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމާއި، އެންމެ ފަހުގެ މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރި ކްރޮއޭޝިއާ ޓީމުގައި ހިމެނި، ވީޑާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ވީޑާ މިހާރު ކުޅެމުން އަންނަނީ ގްރީސްގެ އޭއީކޭ އެތެންސް އަށެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 72 މެޗު ކުޅެދީ، ނުވަ ލަނޑުޖަހައިފައެވެ.