ޚަބަރު

ޤާނޫނީ ފަންނުގެ ޤާނޫނަށް ގެންނަ އިޞްލާހާއެކު ބާ ކައުންސިލްގެ މިނިވަންކަން ކަށަވަރުވާނެ: މެންބަރުން


  • ބާ ކައުންސިލް އެކުލެވިގެންވަނީ ބަންޑާރަނައިބު ހިމެނޭހެން 7 މެންބަރުންގެ މައްޗަށް

  • ބާ ކައުންސިލުން ބަންޑާރަނައިބު ވަކިކުރަން އިސްލާހުގައި ވަނީ ބަޔާންކޮށްފައި

  • އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ އުސޫލަށް ބަދަލު ގެންނާނެ

ޤާނޫނީ ފަންނުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާއެކު ބާ ކައުންސިލުގެ މިނިވަންކަން ކަށަވަރުކުރެވިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ. މި އިސްލާހާ ގުޅިގެން މެންބަރުން ވަނީ މަޖިލީހުގައި ބަހުސްކުރައްވާފައެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގައި މިހާރު ބުނާގޮތުން ބާ ކައުންސިލް އެކުލެވިގެންވަނީ ބަންޑާރަނައިބު ހިމެނޭހެން 7 މެންބަރުންގެ މައްޗަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭނީ ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ ރައީސަކާއި ނައިބު ރައީސާއި މެންބަރުން ހިމެނޭހެން 7 މެންބަރުންނެވެ. އެހެންކަމުން މި އިޞްލާހުގައި ބުނާގޮތުން ބާ ކައުންސިލްގައި ބަންޑާރަ ނައިބު ހިމެނިވަޑައިނުގަންނަވާނެއެވެ.

މީގެ އިތުރުން މި އިޞްލާހުގައި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، ދޫކުރާ ލިއުންތަކުގައި އެތަންތަނުގެ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ޤައުމުތަކުގައި ބޭނުން ކުރުމަށް ދިވެހި ރައްޔިތުންގެ ބައެއް ލިޔުންތަކާއި ޑިޕްލެމެޓިކް މިޝަންތަކުން އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުމަށްޓަކައި، ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް ހިމަނަފައިވެއެވެ. މިހާރު ޤާނޫނު އޮތް ގޮތުން އެޓެސްޓް ކުރުން ނުވަތަ އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދެނީ ބާ ކައުންސިލުން އެކަމުގެ ހުއްދަ ދީފައިވާ ޤާނޫނީ ވަކީލުން އެކަންޏެވެ.

މި ބިލަށް ވާހަކަފުޅު ދައްކަވަމުން އިޞްލާހު ހުށަހަޅުއްވައި މެންބަރު ޙުސައިން ޝަރީފް ވިދާޅުވީ މި ބިލަކީ ސަރުކާރުގެ ނުފޫޒުން މިނިވަން މުއައްސަސާތައް އެއްކިބާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ޤާނޫނީ ވަކީލުންގެ ކަންކަން ނިންމައި ހިންގާނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބާ ކައުންސިލަށް މިގެނެވޭ އިސްލާހުގެ ސަބަބުން މީގެ ތެރެއިން ނުކުމެގެންދާނެ އެންމެ ބޮޑު އެއް ނަތީޖާއަކީ މި މުއައްސަސާ މުސްތަގިއްލުކަމާއެކު ސަރުކާރުގެ ނުފޫޒުން އެއްކިބާވެގެންދިއުން." މެންބަރު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވީ ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ ވާހަތަކަކީ އަބަދުވެސް ދެކެވޭ ވާހަކަތައް ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް ރައްޔިތުން ދީފައިވަނީ ފަނޑިޔާރުގެތައް ރައްޔިތުންގެ އިތުބާރު ހިފޭ ތަންތަނަށް ހެދުމުގެ ބޭނުމުގައި ކަމަށާއި، މިހާރު ހުށަހަޅުއްވާފައިވާ އިސްލާހުގެ ސަބަބުން ބާ ކައުންސިލް ސަރުކާރުގެ ނުފޫޒުން މިނިވަންވެގެންދާނެ ކަމަށް ސުޖާޢު ވިދާޅުވިއެވެ.

"ސަރުކާރުގެ ނުފޫޒު އަދުލު އިންސާފުގެ ދާއިރާއަށް ވަންނަން ހުރި ހުރިހާ ދޮރުތައް ބަންދުކޮށް، ޤާނޫނީ ފަންނުގެ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަންދީ، އެ ބޭފުޅުންނަކީ މުސްތަގިއްލު ބައެއްކަމުގައި މި އިސްލާހުން ކަނޑައެޅިގެން އެބަދޭ،" ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ސުޖާޢު ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ މިހާތަނަށް ޝަރުޢީ ދާއިރާ މިނިވަން ނުކުރެވި އޮތީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ބާރާއި ނުފޫޒު އެކި މަރުހަލާތަކުގައި ބޭއްވުމަށް ސަރުކާރުގެ މަސްލަހަތު ހުރި މީހުން އެކި ތަންތަނަށް ވައްދާފައި ތިބުމުގެ ސަބަބުންކަމަށެވެ. އެކަންކަން މިހާރު ކުރަނީ ޤާނޫނުގެ ތެރެއިން ކަމަށާއި ސަރުކާރުން ހުށަހެޅުއްވި އިސްލާހާއެކު ބާ ކައުންސިލް މިނިވަންވެގެންދާނެކަން ކަށަވަރުކުރެވޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

"ވެރިކަމުގެ މިހާ ކުރީ ކޮޅުގައި ހަގީގަތުގައި ޝަރުޢީ ނިޒާމް، ހަގީގީ މާނައިގައި މިނިވަންކުރަން ބޭނުންވާތީ ޤައުމުގެ ވަލިއްޔުލްއަމްރު މިއަދު މިފަދަ އިސްލާހުތަކެއް ހުށަހެޅުއްވީ. އެމަނިކުފާނުގެ އަތުހުރި އެތައް ބާރުތަކެއް ޒަމާނީ ޑިމޮކްރަސީއަށް ފެތޭ އުސޫލުގެ ތެރެއިން، އަދުލު އިންސާފު ގާއިމުވެފައިވާ ބޮޑެތި ޤައުމުތަކާ އެއްގޮތަށް މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މިދަނީ ތަރުތީބުވަމުން،" މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

ބައެއް މެންބަރުން ވަނީ ބަންޑާރަނައިބު ބާ ކައުންސިލްގެ އެގްޒެކެޓިވް ބޯޑުގައި އިންނެވުމަކުން ނުވަތަ ހިމެނިވަޑައިނުގަތުމަކުން ނުކުންނާނެ ތަފާތެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ޝަރުޢީ ދާއިރާގައި ތަފާތު އެކި ނުފޫޒުތައް ހިމެނޭ ކަމަށާއި، ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ފޯރުކޮށްދިނުމަށް ބަންޑާރަނައިބު އެ ކޮމިޓީގައި އިންނެވުން މުހިންމު ކަމަށެވެ. އަދި އިޚްލާސްތެރި ނިޔަތުގައި ކޮންމެ ބަޔަކުވެސް މަސައްކަތްކޮށްފިނަމަ މިނިވަންކަމާއެކު ރަނގަޅަށް މަސައްކަތްތައް ކުރިއަށްދާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އިޚްލާސްތެރި ނިޔަތް މީގައި ބޭނުންވަނީ. އިޚްލާސްތެރި ނިޔަތް ނެތް ހާލަތެއްގައި ކަންކަން ދާނީ އެހެން، އެހެނޭ ކިޔާފައި ކަންކަން ބޮއްސުންލައިގެން އަތުން ނެއްޓިގެންދާވަރަށް ކަންކަން އަތުން ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން، އެއްގޮތަކަށްވެސް" މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ހުރިހާ ސަރުކާރަކުންވެސް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާ ކަމަށާއި، މަޖިލީހުން އެ ދާއިރާއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް މިހާރު ވާނީ ކޮށްދެއްވާފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރު ބަދަލުވެއްޖެނަމަ ޖަހާފައިވާ ހުކުމްތައް ބަދަލުވެ ހުދު ފޮތިގަނޑަކަށްވެގެން އެ ބޭފުޅުން ކޯޓުތަކުން ސަލާމަތްވެގެން ނުކުމެގެންދާ މަންޒަރު. އޭގެ މާނައަކީ ސަރުކާރެއް އޮންނައިރު އެ ބޭފުޅުންނަކީ ކުށްވެރިންނޭ. ސަރުކާރު ބަދަލުވީމަ އެބޭފުޅުންނަކީ އެއްވެސް ކުށެއް ނުކުރާ މީހުންނޭ،" މެންބަރު އަބްދުލް ޣަފޫރު ވިދާޅުވިއެވެ.

މެންބަރުން ވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ އެކި އިދާރާތަކަށް ލިބި ބޭރުގައި ކިޔަވަން އުޅޭ ދިވެހި ދަރިވަރުންނަށް ގިނަ ލުއިތަކެން ވެގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ. މިއީ މިހާރު ޤާނޫނު އޮތްގޮތުން ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމެއްކަމަށް މެންބަރުން ވިދާޅުވިއެވެ.

މި ބިލަށް ކޮމިޓީ މަރުހަލާގައި އިތުރު އިސްލާހުތައް ގެނައުމަށްވެސް ބައެއް މެންބަރުން ވަނީ ބަހުސްގެ ތެރެއިން ހުށަހަޅުއްވާފައެވެ.