ޚަބަރު

ޗާޓަޑް އެކައުންޓިންގ އަދި އޮޑިޓިންގެ ދާއިރާދަނީ ހަރުދަނާވަމުން: ސީއޭ މޯލްޑިވްސް


  • ސީއޭ މޯލްޑިވްސް އުފެދުނުފަހުން ގިނަ ސްކޯލަރޝިޕް ފުރުސަތުފަހިކޮށްދީފައިވޭ

  • މިދާއިރާގައި ބިދޭސީންގެ ޢަދަދު އިތުރު

ރާއްޖޭގައި ޗާޓަޑް އެކައުންޓިންގ އަދި އޮޑިޓިންގެ ދާއިރާއަށް ދިވެހިން އިތުރުވަމުންދާކަމަށާއި، މިދާއިރާ މިހާރު ހަރުދަނާވަމުންދާ މަންޒަރު ފެންނަކަމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން ބުނެފިއެވެ. އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭއަކީ ރާއްޖޭގެ އެކައުންޓަންސީ ޕްރޮފެޝަނާގުޅޭ ކަންކަން، ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. މި އިދާރާ އުފައްދާފައިވަނީ 2020 ވަނަ އަހަރު އެކުލަވާލި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުންނެވެ.

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އެއްބަޔަކީ އޮޑިޓަރުންނާއި ޗާޓާޑް އެކައުންޓެންޓުންނެވެ. ރާއްޖޭގައި މިދާއިރާގައި ދިވެހީންގެ ޢަދދަު ވަރަށް މަދެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ އިންތިޚާބީ ރައީސް އަދި ކައުންސިލް މެމްބަރު މުޙައްމަދު ޙަލީމް ވިދާޅުވީ ރާއްޖޭގައި މިވަގުތުވެސް 4000 އަށްވުރެގިނަ ބިދޭސީ އެކައުންޓެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދާކަމަށެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންކަމް ސަޕޯޓް އެލަވަންސްއަށް އެލިޖަބަލް 75 އިންސައްތައާއި 85 އިންސައްތަ ބޭރުގެ އެކައުންޓެންޓުން އެބަތިއްބެވެ. މިއީ އިޤްތިޞާދީ ނަޒަރަކުން ބަލާއިރު ޤައުމަށް ވަމުންދާ ގެއްލުމެއްކަމަށާއި މިދާއިރާއިން ހަރުދަނާ ދިވެހީން ބިނާކުރަންޖެހޭކަން ޙަލީމްވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން ސީއޭ އުފައްދައިގެން މިކުރެވޭ މަސައްކަތުގެ ދަށުން ސްކޯލަރޝިޕްތަކަށް ގިނަ ދިވެހި ކުދިންއެބަ ކުރިމަތިލާ. އަދި މަޑުމަޑުން މިދާއިރާގައި ތިބި ބިދޭސީން މަދުކޮށް ލީޑިންގ މަޤާމުތަކަށް ދިވެހީން ގެނައުމަށް ކުރާ މަސައްކަތް ރަނގަޅުކަމަށް ފެންނަނީ." ޙަލީމް ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްއިން ބުނީ މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މަތީ ތަޢުލީމާބެހޭ ވުޒާރާއާއެކު ކުރެވުނު މަސައްކަތުން 350 އަށްވުރެ ގިނަ ސްކޯލަރޝިޕް ފުރުސަތު މިދާއިރާއިން ފަހިކޮށްދެވިފައިވާކަމަށެވެ. އަދި މިއަހަރު އިތުރު 100 ސްކޯލަރޝިޕްގެ ފުރުސަތަށް ހުޅުވާލާފައިވާކަން ޙަލީމް ފާހަގަކުރެއްވިއެވެ. ސީއޭ މޯލްޑިވްސް އިން މިހާރު މިދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތު ދެނީ ހަމައެކަނި ދިވެހީންނަށެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ރާއްޖޭގެ މާލީ ނިޒާމު ބައްޓަންކޮށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމާއި ޔަގީންކަން ދެމެހެއްޓުމަކީ ސީއޭ މޯލްޑިވްސްގެ އަމާޒެކެވެ. އެގޮތުން މިދާއިރާއިން ދިވެހީން ބިނާކޮށް ކުރިއަރަމުން އަންނަ އެކި ސިނާޢަތްތަކަށް ބޭނުންވާ އޮޑިޓަރުންނާއި ޗާޓާޑް އެކައުންޓެންޓުން އުފެއްދުމުގައި ސީއޭ މޯލްޑިވްސްއިންދަނީ މަސައްކަތްކުރަމުންނެވެ.

މިގޮތުން ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިމަހުގެ ނިޔަލަށް މިފުރުސަތު އޮތްއިރު މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ސީއޭ މޯލްޑިވްސްއިންދަނީ ފޯރުކޮށްދެމުންނެވެ.