ޚަބަރު

މަތީ ތައުލީމުގެ ބޭނުންހިފައި ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާންޖެހޭ: ވަޒީރު


  • ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މަޢުލޫމާތުދިން

  • ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތަކާއި ގުޅޭގޮތުން މަޝްވަރާކުރި

މަތީ ތައުލީމް އުގެނުމަށް ލިބޭ ފުރުޞަތުގެ ބެނުން ހިފައި ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާންޖެހެނެކަމަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީިކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލޮޝިޕާއި ހައި އަޗީވާރސް ސްކޮލޮޝިޕް ޙަސިލްކުރި ދަރިވަރުންނަށް، މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމަކީ ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މިކަމާއި ގުޅިގެން ދަރިވަރުން ވިސްނަންޖެހޭ ކަންކަން އެބަ ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން، މައިންބަފައިންނާއި ބެލެނިވެރިންނާއި ވަކިން ދިރިއުޅުމުގެ ހުރިހާކަމެއް އަމިއްލައަށް ކުރަންޖެހޭ ޙާލަތުގައި އެކިއެކި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މުޅިން އައު ސަޤާފަތަކާއި އާދަކާދަތަކެއް ފެނިގެންދާނެ. އެ ކަންތައްތަކަށް ހޭނުމަކީ ގޮންޖެހުންތަކެއް ހުރިކަމެއް. ދިވެހިރާއްޖެއާއި އެ ދަރިވަރަކު ދާ ޤައުމަކާއި ދެމެދު ހުންނަ ތަފާތުތައް ޤަބޫލުކުރުމަކީ ވަރަށް މުހިންމުކަމެއް. މީގެ އިތުރުން، އެ ޤައުމެއްގައި ސިއްޙީ ޚިދުމަތްތައް ލިބެން ހުރިގޮތްތަށް ހޯދައި، އަމިއްލަ ސިއްޙަތަށް ރަނގަޅަށް ބެލުން ވަރަށް މުޙިއްމު. ހުރިހާ ދަރިވަރުންވެސް މި ފުރުސަތުގެ ފުރިހަމަ ބޭނުން ހިފައި، ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާން ޖެހޭނެ. މި ފުރުސަތުން، އެކިއެކި ކަންކަން ދަސްވެގެންދާނެ." ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަށް ޤައުމީ ޔުނިވާސިޓިގައި ބޭއްވި ސެޝަންގައި ކެރިއަރ ގައިޑެންސާއި ކުރިމަގަށް ބޭނުންވާނެ ހުނަރުތައް ދެނެގަތުމުގެ ދާއިރާގައި ރާއްޖޭގެ މަޝްހޫރު ދެބޭފުޅެއްކަމުގައިވާ މުޙައްމަދު ޢާލިމްއާއި ޑރ. ސަނީ ޢުމަރާއެކު ވަނީ މަޝްވަރާކޮށްފައެވެ. އަދި ޢާއިލާއާއި ދުރުގައި ހުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި ގުޅޭގޮތުން ޙައްވާ ލީޝާއާއެކުވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރި ދަރިވަރުންގެތެރެއިން، ތިންގައުމަކުން ކިޔެވި ބައެއް ދަރިވަރުންގެ ތަޖުރިބާތައްވެސް ވަނީ ޙިއްސާކޮށްފައެވެ. މީގެ އިތުރުން މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު މި ދަރިވަރުންނަށް ލިބޭނެގޮތްތަކާގުޅޭގޮތުން އެ އޮތޯރިޓީގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވަނީ މަޢުލުމާތު ދެއްވާފައެވެ.

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިޙާންތައް ފުރިހަމަކޮށް މި އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް 19 ދަރިވަރަކު ޙާޞިލްކޮށްފައިވެއެވެ. އަދި ހައި އެޗީވާރސް ސްކޮލޮޝިޕް 117 ދަރިވަރަކު ވަނީ ޙާޞިލްކޮށްފައެވެ. މި 136 ދަރިވަރުންގެ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ޚަރަދެއްކުރާނީ ދިވެހި ސަރުކާރުންނެވެ.