ޚަބަރު

ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި


  • 199 ފުލުހުން ބައިވެރިވޭ

  • އެއީ 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.

ކޯސް ފެށުމަށް އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަހްމާންއެވެ.

މި ރަސްމިއްޔާތުގައި، ކޮލެޖުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި، އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިން އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާ ދަރިވަރުން ބައިވެރިވެލެއްވިއެވެ.

ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަހްމާން ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދަރިވަރަކުވެސް ކޯހުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުންނާއެކު ޖުމުލަ 199 ފުލުހުން ބައިވެރިވެއެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެކަމަސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ ޢިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.